
ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެ ގޮތުން، ވަޒީރުންގެ މަޖިލީހުގެ 10 މެންބަރަކު މިއަދު މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ. މި ބޭފުޅުން ހުށަހެޅުއްވި އިސްތިޢުފާ ރައީސުލްޖުމްހޫރިއްޔާ ވަނީ ޤަބޫލުފުޅު ކުރައްވާފައެވެ.
މިއަދު މަޤާމުން އިސްތިޢުފާ ދެއްވި 10 ވަޒީރުންނަކީ:
މިނިސްޓަރ އޮފް ޑިފެންސް: މުޙައްމަދު ޣައްސާން މައުމޫން
މިނިސްޓަރ އޮފް ފޮރިން އެފެއާޒް: ޑޮކްޓަރ ޢަބްދުﷲ ޚަލީލް
މިނިސްޓަރ އޮފް ހެލްތް: ޢަބްދުﷲ ނާޡިމް އިބްރާހީމް
މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް: ޠާރިޤު އިބްރާހީމް
މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް: ޑޮކްޓަރ ޢާއިޝަތު ޝިހާމް
މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް: އާދަމް ނަޞީރު އިބްރާހީމް
މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ: ޑޮކްޓަރ މަރްޔަމް މާރިޔާ
މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް: އިބްރާހީމް ވަޙީދު
މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް: އާދަމް ޝަރީފު ޢުމަރު
މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް: ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު
މި ބޭފުޅުން އިސްތިޢުފާ ދެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ވޭތުވެދިޔަ މުއްދަތުގައި އެ ބޭފުޅުން ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، އެ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
ސަރުކާރުގެ ކެބިނެޓަށް މި އައި ބޮޑު ބަދަލަކީ، ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ އިޞްލާޙީ އެޖެންޑާ ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމުގެ ގޮތުން އެޅުއްވި ފިޔަވަޅެއް ކަމަށް ބެލެވެއެވެ. މި ބަދަލުތަކާއެކު، ސަރުކާރުގެ ކުރިމަގުގެ މަސައްކަތްތަކަށް އަންނާނެ ކުރިއެރުންތަކަށް ގިނަބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.