
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން، މާލޭ ސަރަހައްދުން ދޫކުރާ ބިމާއި ފްލެޓަށް އެދި މިހާތަނަށް 1616 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަާބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ޖުމުލަ 1160 މީހަކު ވަނީ ފްލެޓަށް އެދި ފޯމު ހުށަހަޅާފައެވެ. އަދި ބިން ނުވަތަ ގޯއްޗަށް އެދި 456 މީހަކު އެޕްލިކޭޝަން ހުށަހަޅާފައިވާކަން އެ މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން، ޕޯޓަލް މެދުވެރިކޮށް 7605 މީހުން މިހާރުވެސް ފޯމު ފުރުމުގެ މަސައްކަތް (ޑްރާފްޓް ސްޓޭޖްގައި) ކުރަމުންދާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފައިވެއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލާފައިވަނީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން މާލޭ ސަރަހައްދާއި ރަސްމާލޭ ހިމެނޭހެން، 1250 އަކަފޫޓުގެ ޖުމުލަ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފްލެޓު ދޫކުރުމުގެ ސްކީމުގެ ދަށުން މާލޭ ސަރަހައްދުން 7900 ފްލެޓު ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މިނިސްޓްރީން އިތުރަށް ވިދާޅުވީ، ބިމަށް އެދި އެޕްލައިކުރުމުގެ ސުންގަޑިއަކީ މާޗް މަހުގެ 4 ވަނަ ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް ކަމަށެވެ. އަދި ފްލެޓަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރިލް މަހުގެ 17 ވަނަ ދުވަހުގެ ރޭގަނޑު 23:59 ކަމަށްވެސް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.
މި ސްކީމްތަކަށް އެޕްލިކޭޝަން ހުށަހަޅަންޖެހެނީ ސަރުކާރުން މިކަމަށް ހާއްސަކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. މިއީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަަސައްވުރުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.