-1784547154481.webp)
މި ދުވަސްވަރު އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ގޮސްފައިވާ 4،000 އަށްވުރެ ގިނަ ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް މިއަދު ދެއްވި މައުލޫމާތެއްގައި ވަޒީރު ޝަހީމް ވިދާޅުވީ، އެކިއެކި ޖަމާއަތްތަކުގެ ހަވާލުގައި މިހާރު އުމްރާއަށް ގޮސް ތިބި ދިވެހިންގެ އަދަދު 4،000 އަށްވުރެ މަތި ކަމަށެވެ. އަދި އެ ހުރިހާ ދިވެހި އުމްރާވެރިންގެ ހާލުވެސް އަންނަނީ ވަރަށް ގާތުން ބަލަމުން ކަމަށާއި، އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ސްކޫލް ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ދިވެހިން އުމްރާއަށް ދަމުންދާއިރު، ފާއިތުވި ސްކޫލް ބަންދުގައި ވެސް 7،000 އަށްވުރެ ގިނަ ދިވެހިން ވަނީ އުމްރާގެ އަޅުކަން ފުރިހަމަކޮށްފައެވެ. މިފަހަރުގެ ޗުއްޓީއާ ދިމާކޮށް ވެސް ގިނަ ބަޔަކު އަންނަނީ ސައުދީ އަރަބިއްޔާއަށް ދަތުރުކުރަމުންނެވެ.
ރާއްޖޭގެ ތާރީހުގައި މިއަހަރު އަލަށް އުމްރާ ދަތުރެއް އައްޑޫސިޓީން ސީދާ ސައުދީއަށް ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ. މި ތާރީހީ ދަތުރުތައް ކުރިއަށްގެންދަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެއާބަސް އޭ330 މަރުކާގެ ބޯޓުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ދިވެހި އުމްރާވެރިންނާއި ހައްޖުވެރިންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަތޮޅުތަކުން ސީދާ ސައުދީއަށް ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމެކެވެ.