
މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމަންޓް ސްޕޯޓްސް އެންޑް ފިޓްނަސް އިން އިސްނަގައިގެން ކުރިއަށްގެންދާ "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް، ލ. ގަމު ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) ގުޅިގެން އެ ރަށުގައި ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.
މި ޕްރޮގްރާމަކީ ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގަންނުވައި، ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ އިތުރުން އިޖުތިމާޢީ އެކި ހަރަކާތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ލ. ގަމުގައި ކުރިއަށްދިޔަ މި ހަރަކާތުގައި ތަފާތު އެކި އުމުރުފުރާގެ ޖުމްލަ 110 އަންހެނުން ވަނީ ބައިވެރިވެފައެވެ.
ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިވާނެ ފަދަ ތަފާތު ގިނަ ކަސްރަތުތަކާއި ފިޓްނަސް ހަރަކާތްތައް ހިމަނައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ ސަބަބުން، ދުޅަހެޔޮ އާދަކާދަތައް ދެމެހެއްޓުމަށާއި، ދުވަހުން ދުވަހަށް ގަވާއިދުން ކަސްރަތު ކުރުމުގެ މުހިންމުކަން ބައިވެރިންނަށް ވަނީ އޮޅުންފިލުވައިދީފައެވެ. އަދި މިކަމުގެ ސަބަބުން ކަސްރަތު ކުރުމަށް ބައިވެރިންނަށް އިތުރު ހިތްވަރަކާއި ޖޯޝެއް ލިބިގެންދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.
މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމަންޓް ސްޕޯޓްސް އެންޑް ފިޓްނަސް އިން ހާމަކޮށްފައިވާ ގޮތުގައި، ލ. ގަމުގައި ބޭއްވުނު މި ޕްރޮގްރާމަކީ މިއަހަރުގެ މިހާތަނަށް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގުނު މިފަދަ 28 ވަނަ "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމެވެ.
މިއީ މުޅި ރާއްޖޭގައި މުޖުތަމަޢު ބައިވެރިވާ ޞިއްޙީ އަދި ދުޅަހެޔޮކަމުގެ ހަރަކާތްތައް ފުޅާކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އެ މިނިސްޓްރީން ގެންގުޅޭ ދެމެހެއްޓެނިވި ސިޔާސަތުގެ ދަށުން ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދާ ހަރަކާތެކެވެ.