
މަދީނާ އިސްލާމިކް ޔުނިވާސިޓީން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަޤްވާމީ ޚާއްސަ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.
މަދީނާ އިސްލާމިކް ޔުނިވާސިޓީން އިސްނަގައިގެން ބާއްވާ މި ކޮންފަރެންސަކީ "އެފޯޓްސް އޮފް ދަ ކިންގްޑަމް އޮފް ސަޢުދީ ޢަރަބިއްޔާ އިން ކޮންފްރޮންޓިން އިންޓެލެކްޗުއަލް ޑިވިއޭޝަން" މި ނަމުގައި ކުރިއަށްގެންދާ މުހިންމު ކޮންފަރެންސެކެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ފިކުރީ ގޮތުން އަންނަ ހައްދުފަހަނައެޅުމާއި ކަތިފިޔަވަޅުތަކާ ދެކޮޅަށް ސަޢުދީ ޢަރަބިއްޔާއިން ކުރަމުންދާ މަސައްކަތްތަކާއި، އިސްލާމީ އުއްމަތުގެ ފިކުރީ ރައްކާތެރިކަން ދެމެހެއްޓުމަށް އަޅަމުންދާ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކޮށް ހޭލުންތެރިކަން އިތުރުކުރުމެވެ.
މި ކޮންފަރެންސްގެ ތެރެއިން ބާއްވާ ޚާއްސަ ސެޝަނެއްގައި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ތަޤްރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ވަޒީރުގެ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ދީނީ އަދި ޢިލްމީ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އިސްލާމީ މެދުމިން ފިކުރު ފެތުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބިގެންދާނެ މުހިންމު ކުރިއެރުމެކެވެ.