info@redhan.media

whiteLogo

32.45 C

navLogo

އޮމެގާ-3 ސަޕްލިމެންޓްތަކުން ހަނދާންގަދަކޮށްދިނުމަށް އެހީތެރިވެނުދޭކަމަށް އާ ދިރާސާއަކުން ދައްކައިފި

އޮމެގާ-3 ސަޕްލިމެންޓްތަކުން ހަނދާންގަދަކޮށްދިނުމަށް އެހީތެރިވެނުދޭކަމަށް އާ ދިރާސާއަކުން ދައްކައިފި
ޕޮޓޯ: ޝޯސަލް މީޑިޔާ
Redhan News Room

އަލްޒައިމާ ބައްޔާއި ހަނދާން ނެތޭ ބަލިން ރައްކާތެރިވުމަށްޓަކައި، މަހުގެ ތެޔޮ ނުވަތަ އެލްގޭ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އޮމެގާ-3 ސަޕްލިމެންޓްތައް ބޭނުންކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުން މުހިންމެވެ. އަލަށް ކުރެވުނު ކްލިނިކަލް ދިރާސާއަކުން ދައްކާ ގޮތުގައި، މިފަދަ ސަޕްލިމެންޓްތަކުގެ ސަބަބުން ހަނދާންގަދަވުމަކަށް ނުވަތަ ސިކުނޑީގެ ސެލްތައް ހަލާކުވުން ހުއްޓުވުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

ޔުނިވަރސިޓީ އޮފް ސަދަން ކެލިފޯނިއާގެ ކެކް ސްކޫލް އޮފް މެޑިސިންގެ ނިއުރޮލޮޖީ ޕްރޮފެސަރ ޑރ. ހުސައިން ޔާސީން ވިދާޅުވި ގޮތުގައި، ހަމައެކަނި ސަޕްލިމެންޓެއްގެ ގޮތުގައި ބޭނުންކުރުމުން އޮމެގާ-3 އިން އެދެވޭ ނަތީޖާއެއް ނުފެނެއެވެ.

"ދިރާސާގައި ބައިވެރިވި މީހުންގެ ސިކުނޑިން އޮމެގާ-3 ގެ މިންވަރު މަތިކޮށް ފެނުނު ނަމަވެސް، އެމީހުންގެ ވިސްނުމާއި ހަނދާނަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވޭ،" އޭނާ އިތުރަށް ވިދާޅުވިއެވެ.

ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި އެންމެ މުހިންމީ ގަވާއިދުން ކަސްރަތުކުރުމާއި، ނަފްސާނީ ދޮޅަސްކަން ކުޑަކުރުމާއި، އަރާމު ނިދި ހޯދުމުގެ އިތުރުން ގަސްގަހާގެހިން ލިބޭ ކާނާ ބޭނުންކުރުމެވެ. މީގެ އިތުރުން، މަހާއި، މަދު އަދި އޮށްތަކުން ގުދުރަތީ ގޮތުން އޮމެގާ-3 ހޯދުމަކީ މުހިންމު ކަމެކެވެ.

މެޑިޓަރޭނިއަން ސަރަހައްދުގެ މީހުންނަކީ ސިކުނޑީގެ ދުޅަހެޔޮކަން ރަނގަޅު ބައެއްކަން ފާހަގަކުރައްވަމުން ޑރ. ޔާސީން ވިދާޅުވީ، އެމީހުންނަކީ ސަޕްލިމެންޓް ބޭނުންކުރާ ބައެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި އެމީހުން ކަނީ ތެޔޮ މަހާއި، ކަސްރަތުކޮށް، އިޖުތިމާއީ ގުޅުންތައް ބަދަހިކޮށް، ހާސްކަން ކުޑަ ދިރިއުޅުމެއް އުޅޭ ބައެއް ކަމަށެވެ. ނަމަވެސް، ބޭރުގެ ފާސްޓްފުޑް ކެއުމާއި، ކަސްރަތު ނުކުރުމާއި، އަބަދު ހާސްކަމުގެ ތެރޭގައި އުޅޭ މީހަކު ސަޕްލިމެންޓް ބޭނުންކުރުމަކުން އެއްވެސް ފައިދާއެއް ނުކުރާނެކަން މި ދިރާސާއިން ވަނީ ސާބިތުވެފައެވެ.

ފްލޮރިޑާގެ އިންސްޓިޓިއުޓް ފޯ ނިއުރޯޑިޖެނެރޭޓިވް ޑިޒީޒަސްގެ ރިސާޗް ޑިރެކްޓަރ ޑރ. ރިޗަޑް އައިސަކްސަން ވިދާޅުވި ގޮތުގައި، ސިކުނޑީގެ ދުޅަހެޔޮކަމަށް އޮމެގާ-3 އަކީ ވަރަށް މުހިންމު އެއްޗެކެވެ. ހާއްސަކޮށް އަލްޒައިމާ ބަލީގެ ނުރައްކާ ބޮޑުކޮށްދޭ APOE4 ޖީން ހުންނަ މީހުންނަށް މިއީ ކޮންމެހެން ބޭނުންތެރި މާއްދާއެކެވެ. އެހެންނަމަވެސް، ދިރިއުޅުމުގެ އާދަކާދަތައް ރަނގަޅު ނޫން މީހުންނަށް ސަޕްލިމެންޓްގެ ފައިދާއެއް ނުކުރެއެވެ.

މި ދިރާސާއާ ގުޅިގެން އޮމެގާ-3 އިންޑަސްޓްރީ ތަމްސީލުކުރާ ގްލޯބަލް އޮގަނައިޒޭޝަން ފޯ EPA އެންޑް DHA (GOED) އިން ބުނެފައިވަނީ، މި ދިރާސާ ބަލަންވާނީ މީގެ ކުރިން ކުރެވިފައިވާ ގިނަ ދިރާސާތަކާ އެކުގައެވެ. އެ ޖަމިއްޔާއިން ފާހަގަކުރާ ގޮތުގައި، 33 ދިރާސާއެއްގެ މައްޗަށް ބަލާއިރު އޮމެގާ-3 ސަޕްލިމެންޓް ބޭނުންކުރުމުން އަލްޒައިމާ ބަލި އިތުރަށް ގޯސްވުން ހުއްޓުވައިދޭކަން ފާހަގަކުރެވިފައިވެއެވެ.

އޮމެގާ-3ފެޓީއެސިޑަކީކޮންމެހެންބޭނުންތެރިއެއްޗަކަށްވަނީކީއްވެ؟

އޮމެގާ-3 ފެޓީ އެސިޑަކީ އިންސާނާގެ ދިރިހުރުމަށް ވަރަށް މުހިންމު މާއްދާއެކެވެ. މިއީ ލޭގެ ޕްރެޝަރު ދަށްކޮށްދީ، ހަށިގަނޑަށް ފައިދާހުރި ކޮލެސްޓްރޯލް އިތުރުކޮށްދީ، ކެންސަރާއި އަލްޒައިމާ ފަދަ ބަލިތަކުން ރައްކާތެރިކޮށްދޭ އެއްޗެކެވެ. އިންސާނާގެ ސިކުނޑީގެ 60 އިންސައްތައަކީ ސަރުބީއެވެ. މީގެ ތެރެއިން 35 އިންސައްތައަކީ އޮމެގާ-3 އެވެ. ނަމަވެސް، އިންސާނާގެ ހަށިގަނޑަކަށް އަމިއްލައަށް އޮމެގާ-3 އެއް ނުއުފެއްދޭނެއެވެ. އެހެންކަމުން މި މާއްދާ ހޯދަންޖެހެނީ ކާނާގެ ޒަރީއާއިންނެވެ.

މަހުގެ ތެލުން ލިބޭ EPA އަކީ އިންޕްލެމޭޝަން ކުޑަކޮށްދީ ހިތުގެ ސިއްހަތަށް ފައިދާހުރި މާއްދާއެކެވެ. އަދި DHA އަކީ ސިކުނޑިއާއި ލޮލުގެ ފެނުމަށް ބޭނުންވާ މުހިންމު ބަހާއެކެވެ. އޮށްތަކާއި މަންދުން ލިބޭ ALA އަކީ ކާނާ ހަކަތައަށް ބަދަލުކޮށްދިނުމަށާއި ހިތުގެ ދުޅަހެޔޮކަމަށް މުހިންމު އެއްޗެކެވެ.

ސަޕްލިމެންޓަށްވުރެ ގުދުރަތީ ކާނާގެ ފައިދާ ބޮޑުކަން ފާހަގަކުރައްވަމުން ޑރ. ޔާސީން ވިދާޅުވީ، މަސް ކެއުމުން ހަމައެކަނި އޮމެގާ-3 އެއް ނޫން ކަމަށާއި، އޭގެ ތެރޭގައި ހިމެނޭ ޕްރޮޓީން، ވިޓަމިންސް އަދި އެހެނިހެން މިނަރަލްސްވެސް ލިބޭ ކަމަށެވެ. ނަމަވެސް، މަސް ތެލުލައިގެން ކެއުމުން އޭގެ ފައިދާ ގެއްލިގެންދާނެއެވެ.

މި ދިރާސާގައި އުމުރުން 55 އަހަރާއި 80 އަހަރާ ދެމެދުގެ 365 މީހުން ބައިވެރިކުރެވުނެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ APOE4 ޖީން ހުރި މީހުންނެވެ. ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ދިރާސާގައި ބައެއް މީހުންނަށް ކޮންމެ ދުވަހަކު 2,000 މިލިގްރާމްގެ އޮމެގާ-3 ދެވުނެވެ. ލޭގެ ޓެސްޓުތަކުން އެމީހުންގެ ހަށިގަނޑުގައި އޮމެގާ-3 އިތުރުވެފައިވާކަން ދެއްކި ނަމަވެސް، ހަނދާންގަދަވުމަކަށް ނުވަތަ ސިކުނޑީގެ މަސައްކަތަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

ނިންމާލަމުން ޑރ. އައިސަކްސަން ވިދާޅުވީ، ދުޅަހެޔޮ ދިރިއުޅުމެއް އުޅޭ މީހުންނަށް ހަފްތާއަކު ދެ ފަހަރު މަސް ކެއުމާއި ސަޕްލިމެންޓް ބޭނުންކުރުމުން ފައިދާ ކުރާނެ ކަމަށެވެ. ނަމަވެސް، ސިއްހަތަށް ފައިދާނުވާ ގޮތަށް ދިރިއުޅުން ބައްޓަންކޮށްފައިވާ މީހަކަށް ހަމައެކަނި ސަޕްލިމެންޓަކުން އެއްވެސް ނަތީޖާއެއް ނުފެންނާނެއެވެ.

Rate this article

Leave a Comment

Comments (0)