hello@support.com

whiteLogo

32.45 C

navLogo

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް:

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް:
Redhan
ފާތިމަތު ލައުޒާ

-މިހާތަނަށް 598 ބައިވެރިން ކިޔަވައިފި

-ޖުމްލަ 1036 ފަރާތެއް ބައިވެރި

ޤައުމީ ފެންވަރުގައި ބާއްވާ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތުގައި މިހާތަނަށް 598 ބައިވެރިން ކިޔަވާފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަދު ވިދާޅުވެއްޖެއެވެ. މިމަހުގެ 18 އިން 26 އަށް ކުރިއަށްދާ މިމުބާރާތުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން ޖުމްލަ 1036 ދަރިވަރުންނާއި ޒުވާނުންވަނީ ބައިވެރިވެފައެވެ.

ކީރިތި ޤުރުއާނަށް ތުއްތު ކުދިންނާއި ޒުވާނުންގެ ހިތުގައި ލޯބި ޖެއްސުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު ޤުރުއާން މުބާރާތަކީ ސްކޫލް ކުދިންނާއި ޒުވާނުންގެ މެދުގައި ވަރަށް މަޤުބޫލު މުބާރާތެކެވެ. މިއީ ޤުރުއާނުގެ އަލީގައި ދިރިއުޅުން ބައްޓަންކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުހިންމު ޙަރަކާތެކެވެ.

މުބާރާތް ކުރިއަށްދާ މިމަހުގެ 22 ވަނަ ދުވަހުގެ ރެއާއި ހަމައަށް 598 ބައިވެރިން ވަނީ ކިޔަވާފައެވެ. އެގޮތުން، ހޯމަ ދުވަހު އެކަނިވެސް 179 ބައިވެރިން ކިޔަވާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ބަލައިގެން ކިޔެވުމުގެ ގޮފިން 90 ބައިވެރިންނާއި ނުބަލާ ކިޔެވުމުގެ ގޮފިން 89 ބައިވެރިންނެވެ.

މި މުބާރާތުގެ ކިޔެވުންތައް ކުރިއަށްދަނީ މާލޭގައި ހުންނަ ކިންގ ސަލްމާން މިސްކިތުގައެވެ. ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން މިސްކިތުގެ 4 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައި ކުރިއަށްދާއިރު، ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދަނީ 5 ވަނަ ފަންގިފިލައިގެ މަލްޓިޕަރޕަސް ހޯލްގައެވެ. މުބާރާތުގައި ސްކޫލްތަކާއި، ޤުރުއާން ކުލާސްތަކާއި، އޮފީސްތަކާއި މުވައްސަސާތަކުގެ އިތުރުން އަމިއްލަގޮތުން އެކި ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

މިމުބާރާތް ނިމުމަށްފަހު، ރަނގަޅު ނަތީޖާ ހޯދާ ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މިމުބާރާތަކީ ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ދުވަސްވީ ޤުރުއާންކިޔެވުމުގެ މުބާރާތެވެ. މިގޮތުން މެދު ނުކެނޑި އެންމެ ދިގު މުއްދަތަކަށް ކުރިއަށްގެންގޮސްފައިވާ މުބާރާތަކީ 1981 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.މުބާރާތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ބައިވެރިންނާއި ބެލެނިވެރިންގެ ޝައުގުވެރިކަން އިތުރުކުރުމަށްވެސް ސަރުކާރުންދަނީ މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން މިމުބާރާތަކީ ސީދާ ސަރުކާރުގެ ޚަރަދުގައި ބާއްވަމުންދާ މުބާރާތަކަށް މިހާރު ސަރުކާރުން ހަމަޖައްސާފައެވެ.މުބާރާތުގައި ވަނަ ވަނައަށް ދާ ފަރާތްތަކަށް ދޭ އިނާމުތަކަށްވެސް ފާހަގަކުރެވޭ އިނާމުތައް އަންނަނީ ދެއްވަމުންނެވެ. މިގޮތުން މިމުބާރާތުގައިވެސް ކޮންމެ ޢުމުރުފުރާއަކުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވުމަށް ހަމަޖެހިފައިވާއިރު މުޅި މުބާރާތުންވެސް ވަނަތަށް ހޮވުމަށްވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބައިވެރިވުމަށް ސްކޫލްތަކުގެ މުބާރާތުން އަދި އަތޮޅު މުބާރާތުން ހޮވޭ ދަރިވަރުންނަށް ފުރުސަތުދޭ ގޮތަށް އޮންނައިރު، މީގެ ސަބަބުން އިންޓަރ ސްކޫލް މުބާރާތްތަކާއި އަތޮޅުގައި ކުރިއަށްދާ މުބާރާތުގެ ވާދަވެރިކަންވެސް ބޮޑުވެއެވެ.

Rate this article

Leave a Comment

Comments (0)

footerLogo

ވެލާނާގެ، 7 ވަނަ ފަންގިފިލާ،

ޢަމީރު ޢަޙްމަދު މަގު، ހެންވޭރު، މާލެ، 20096، ދިވެހިރާއްޖެ

+960 3355356
hello@support.com