info@redhan.media

whiteLogo

32.45 C

navLogo

ރައީސް ނަޝީދުގެ ކަންބޮޑުވުން: ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތައް ހުއްޓި، ޖީލެއް ހަލާކުވަނީ

ރައީސް ނަޝީދުގެ ކަންބޮޑުވުން: ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތައް ހުއްޓި، ޖީލެއް ހަލާކުވަނީ
ޕޮޓޯ: ސޯޝަލް މީޑިޔާ
Redhan News Room

ރާއްޖޭގެ ސްކޫލްތަކުގައި ކުރިއަށްގެންދާ އިތުރު ހަރަކާތްތަކާއި ލަވަ މުބާރާތްތައް ހުއްޓި، ތަޢުލީމީ މުޅި ޖީލެއް ހަލާކުވަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މަދަރުސާތަކުން ދަރިވަރުން ކިޔެވުން ފުރިހަމަނުކޮށް ވަކިވާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށެވެ. އަދި ތަޢުލީމީ މަންހަޖަކީ ކިތަންމެ ގިނަ މާހިރުންނާއި ތަޖުރިބާތަކަކާ އެކު އެތައް މަޝްވަރާއެއް ކޮށްގެން އެކުލަވާލަންޖެހޭ އެއްޗެއް ނަމަވެސް، މި ސަރުކާރުން އެކަން ކުރަމުންދަނީ އެފަދަ ހަމައަކުން ނޫން ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"ދަރިވަރެއް މިއުފައްދަނީ ޤައުމަކާ ހަވާލުވާން. އޭނާއަށް އަންގާދޭންވީ ކޯޗެއްތޯ ޓީޗަރު މީހާ މި ބުނެދޭންޖެހެނީ. އެ ބުނެދޭ އެ މުޤައްރަރު ފޯން ކޯލަކުން، ޓެކްސްޓަކުން މި ބަދަލުކުރަނީ. ދަރިވަރުންނަށް ވާނެ ގޮތް ދެން އަޅުގަނޑުމެން މާބޮޑަކަށް ވިސްނާކަށްވެސް ނުޖެހޭ. ދިވެހިރާއްޖޭގެ ޒުވާން ޖީލެއް މި ގެންދަނީ މި ނާގާބިލު ސަރުކާރުގެ ވިސްނުމުގެ ތެރެއަށް،" ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން، ޤައުމީ ސަލާމް ކިޔުމާ ގުޅޭގޮތުން ވެސް ރައީސް ނަޝީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، ޤައުމީ ސަލާމް ކިޔުން ތަޢުލީމީ ދާއިރާއިން ގޯސްކަމެއްގެ ގޮތުގައި ސިފަކުރަމުންދާ ކަމަށާއި، ނަމަވެސް ވެރިން އެކަމުގައި ދައްކަވަނީ ދެފުށްދެގޮތް ސިޔާސަތެއް ކަމަށް ވިދާޅުވިއެވެ.

"މިހާރު ޤައުމީ ސަލާމް ކިޔުއްވާ ކޮންމެ އިރެއްގަ މިބޭފުޅުން ތިއްބަވަނީ ވަރަށް ބޮޑަށް މޭގަ އަތްއަޅުއްވައިގެން. ހާޓް އެޓޭކެއް ޖެހެނީކަމަށްވެސް ބައެއްފަހަރަށް ހީތައް ވެދޭ. މި ޤައުމީ ސަލާމް ވިއްކަވައިގެން ވަޑައިގަތީ. ވަޑައިގެން މަދަރުސާތަކުގަ ޤައުމީ ސަލާމް ކިޔުން މަނާކުރުން ވަރިހަމަ ކުރައްވައިގެން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ކުޅިވަރުތައް ނުބާއްވާތީ މަދަރުސާތަކުގެ އިތުރު ހަރަކާތްތައް މިހާރު ވަނީ މުޅިން ހުއްޓިފައެވެ. އެމަނިކުފާނު ވިދާޅުވީ، ކޮންމެ މީހެއްގެ ވެސް މަދަރުސީ ހަޔާތުގެ އެންމެ ފޮނި ހަނދާނަކީ އިންޓަހައުސް މުބާރާތްތައް ފަދަ ހަރަކާތްތައް ކަމަށާއި، ނަމަވެސް މިއަދުގެ ދަރިވަރުންގެ އެފަދަ ހަނދާނެއް ނެތް މިންވަރަށް ޖީލެއް ހަލާކުކޮށްލަމުންދާ ކަމަށެވެ. އަދި ޤައުމުގެ އިޤްތިޞާދާއި މާލިއްޔަތު ރޫޅާލުމަށްވުރެ ބޮޑަށް، ޒުވާނުންނާއި ދަރިންގެ މުސްތަޤްބަލް ހަލާކުވެގެންދާ މަންޒަރު ބަލަން ދޫކޮށްނުލެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ދަރިވަރުން މަދަރުސާ ދޫކޮށް ދިއުމުގެ ނަތީޖާއަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، ތުއްތުއިރުން ފެށިގެން ދުޅަހެޔޮކަން ދަށްވެ، ސްކޫލް މާޙައުލުގައި ބާކީވާ ކުދިން އެންމެ ފަހުން ގޭންގުތަކުގެ ލީޑަރުންނަށް ވެގެންދާ ކަމަށެވެ. އަދި އެފަދަ ކުދިން މަގުމައްޗަށް ގިނަވެ، އެކުދިން ހަމަމަގަށް އެޅުވުމަށްޓަކައި ފަހުން ދައުލަތުން ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ނަޝީދު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މަޤްބޫލުކަން މިހާރު ވަނީ ގެއްލިފައި ކަމަށާއި، މި ސަރުކާރަށް ރައްޔިތުން އެދޭ ތަނަވަސްކަމާއި ޙައްޤު މިންވަރު ހޯދައިނުދެވޭނެ ކަމަށެވެ. އެހެންކަމުން، ދިވެހި ދަރިވަރުންނާއި ބެލެނިވެރިންގެ ޙައްޤުގައި އެމްޑީޕީން ކުރަންޖެހޭ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށްގެންގޮސް، އަލުން އެމްޑީޕީގެ ވެރިކަމެއް ރައްޔިތުންނަށް ހޯދައިދޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

Rate this article

Leave a Comment

Comments (0)