
ސަރުކާރުން ގާނޫނުއަސާސީއަށް ގެންނަން އުޅޭ ބަދަލުތަކަކީ ވެރިކަންކުރާ ޕާޓީގެ ބާރުތައް ވަރުގަދަކުރުމަށް ފަރުމާކޮށްފައިވާ "ހީލަތްތެރި" ރޭވުމެއް ކަމަށް ސިފަކުރައްވައި، އެކަމާ ދެކޮޅަށް ރައްޔިތުން ތެދުވުމަށް އިދިކޮޅު އެމްޑީޕީގެ ރައީސް ފައްޔާޒް އިސްމާއީލް ގޮވާލައްވައިފިއެވެ.
މިކަމާ ގުޅޭގޮތުން ފައްޔާޒް ކުރެއްވި ޓުވީޓްއެއްގަިއ ވިދާޅުވީ، މިހާރު ފެންނަމުންދަނީ ވެރިކަންކުރާ ޕާޓީގެ ބާރުތައް މުށުތެރެއަށްލުމަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ. "ބޭނުންވަނީ ވެރިކަންކުރާ ޕާޓީގެ ބާރުތައް ވަރުގަދަކުރުމަށް ފަރުމާކޮށްފައިވާ ބަދަލުތަކެއް ނޫން. އޭގެ ބަދަލުގައި ސަރުކާރާއި އަދި މުޅި ދައުލަތް ޒިންމާދާރުކުރުވުމަށް ރައްޔިތުންނަށް ލިބިދޭ ބާރުތައް މިހާރަށްވުރެ އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރަން ޖެހޭ،" ފައްޔާޒް ވިދާޅުވިއެވެ.
ސަރުކާރުގެ މި ނިންމުމާ ދެކޮޅަށް ރައްޔިތުން ތެދުވުމަށް ބާރުއަޅުއްވަމުން ފައްޔާޒް ވިދާޅުވީ، ރިޔާސީ ދައުރު ދަންމާލުމުގެ ފުރުސަތު މި "ހުދުމުހުތާރު" ސަރުކާރަށް ދީގެން ނުވާނެ ކަމަށެވެ. އަދި އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާނީ ބާރުތައް ރައްޔިތުންނާ ގާތަށް ގެނެސްދޭނެ ފުރިހަމަ އިސްލާހުތަކަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ، މިއީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މިކަމުގައި ސިޔާސީ ފިކުރާއި ވަކި ޕާޓީތަކަކަށް ވިސްނުމަށްވުރެ ބޮޑަށް، ގައުމީ މަސްލަހަތަށް އިސްކަންދީ، ސަރުކާރުގެ މި ނުރައްކާތެރި ރޭވުންތަކަށް ރައްޔިތުން "ނޫނެކޭ" ބުނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ބަދަލުތަކުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މިނިވަންކަމާއި، ދައުލަތުގެ ބާރުތައް ވަކިވެފައި އޮތް އޮތުމަށް ބުރޫއަރާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.