ފަލަސްޠީނުގެ ރައްޔިތުންގެ ބިންތައް ޣައިރު ޤާނޫނީ ގޮތެއްގައި ފޭރެމުންދާ ޔަހޫދީންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް ސިންގަޕޫރުން މިއަދު ހާމަކޮށްފިއެވެ. ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ރައްދު ދިނުމުގެ ގޮތުން ސިންގަޕޫރުން ވަނީ، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ބަލައިގަތުމަށް ތާޢީދު ކުރާ ކަން ވެސް ހާމަކޮށްފައެވެ.
ފަލަސްޠީނުގެ މިނިވަންކަމަށް ތާޢީދުކުރާކަން ސިންގަޕޫރުން ހާމަކޮށްފައި މިވަނީ، ޔަހޫދީންގެ އެކުވެރިންގެ ގޮތުގައި ބެލެވޭ ގިނަ ޤައުމުތަކަކުން ފަލަސްޠީނުގެ މިނިވަންކަން ބަލައިގަންނަމުންދާ މުހިއްމު ދަނޑިވަޅެއްގައެވެ. ސިންގަޕޫރުން ބުނީ، އެންމެ އެކަށީގެންވާ ހާލަތެއް މެދުވެރިވުމުން ފަލަސްޠީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަތުމަށް ނިންމާފައިވާ ކަމުގައެވެ.
މިއީ، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޤަތުލުޢާންމާ ދެކޮޅު ކަން ހާމަ ކުރުމުގެ ގޮތުން ސިންގަޕޫރުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކެކެވެ. މި ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 65,000 އަށްވުރެ މައްޗަށް އުފުލިފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 158,000 އަށް އަރައެވެ.
ޔަހޫދީންގެ ޤަތުލުޢާންމާއި ފަލަސްޠީނުގެ ބިންތައް ފޭރިގަތުމަށް ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް ހުޅަނގުގެ ބާރުތަކާއި ޔަހޫދީންގެ އެކުވެރިން ވެސް ދަނީ ބަސް ބުނަމުންނެވެ. ފަލަސްޠީނުގެ މިނިވަންކަން އެންމެ ފަހުން ބަލައިގަނެފައިވާ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، ކެނެޑާ އަދި އޮސްޓްރޭލިޔާ ހިމެނެއެވެ. އެ ލިސްޓަށް ފަރަންސޭސިވިލާތް ވެސް އިތުރުވާނެ ކަމަށް ވަނީ ހާމަވެފައެވެ.
"ފަލަސްޠީނުގެ ބިންތައް ފޭރިގަނެ، އެ ތަންތަނުގައި ގެދޮރު އިމާރާތް ކުރުން ހުއްޓައިލައި، [ޔަހޫދީންގެ] ބިން ބޮޑު ކުރުމަށް ހިންގަމުންދާ ޖަރީމާ ހުއްޓައިލަން ގޮވައިލަން،" އޭނާ ވިދާޅުވިއެވެ. އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ، ހުޅަނގު އައްސޭރީގެ އީ1ގެ ނަން ދީފައިވާ ސަރަޙައްދު ފޭރިގަތުމަށް ޔަހޫދީން މިހާރު ހިންގަމުންދާ ޖަރީމާތަކަށެވެ."ދެ ދައުލަތް [ފަލަސްޠީނާއި ޔަހޫދީންގެ] ޤާއިމު ކުރުމުގެ އުންމީދަށް ހުރަސް އެޅޭ ހުރިހާ އަމަލަކާ އަޅުގަނޑުމެން ދެކޮޅު ހަދަން،" އޭނާ ވިދާޅުވިއެވެ. އެ ކަމާ ދެކޮޅު ހެދުމުގެ ގޮތުން ސިންގަޕޫރުން އެޅުމަށް ނިންމާފައިވާ ހަރުކަށި ފިޔަވަޅުތައް ފަހުން އިޢުލާނު ކުރައްވާނެ ކަން ވެސް އޭނާ ހާމަ ކުރެއްވިއެވެ.ފަލަސްޠީނުގެ ބިންތައް ފޭރިގަނެ، އެ ބިމުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަކީ މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢުން ދެކޮޅު ކަމެކެވެ. އަދި، ކުށްވެރި ކުރަމުންދާ ޖަރީމާއެކެވެ. އެ ކަމާ ދެކޮޅަށް ފާޅުގައި ބަސްބުނަމުން ނުދާ މަދު ޤައުމުތަކުގެ ތެރޭގައި އެމެރިކާ ހިމެނެއެވެ. ސަބަބަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައި ވުމެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ހުރިހާ ޖަރީމާތަކަކަށް ޓްރަމްޕް ގެންދަ ވަނީ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. އެ ޖަރީމާތަކުގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.