
2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު މިރޭ އިޢުލާން ކުރައްވައިފިއެވެ. މި އިޢުލާނާއެކު، ޝާހިދު ވަނީ އެމްޑީޕީގެ ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވިކަންވެސް ހާމަކުރައްވާފައެވެ.
އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ރާއްޖެއަށް ހުދުމުހުތާރު ވެރިކަމެއް އައުމުގެ ފުރުސަތު ނުދިނުމަށްޓަކައި ކަމަށެވެ. އަދި އެ މަސައްކަތުގައި ކޮންމެފަދަ ޤުރުބާނީއެއް ވެވަޑައިގަންނަވަން ޖެހުނު ކަމުގައިވިޔަސް، އެކަމުގައި ދެމިހުންނަވާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
"މިއަދު ދިވެހިރާއްޖެ މި އޮތް ހާލަތު ބަދަލުކުރުމަށް ދިވެހި ރައްޔިތުންނާއި އެމްޑީޕީގެ އާއްމު މެންބަރުންނާ އެކު، އެއް ޖޯޝެއްގައި އެއް ރޫހެއްގައި އިތުރު ހިތްވަރަކާ އެކު މަސައްކަތް ކުރަން މި ވަނީ ޖެހިފައި. އެހެންކަމުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކުރުމުގެ މަތިވެރި އަޒުމުގައި، މާތް ﷲގެ ހަޟްރަތުން ވާގި އެދި ހުރެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން އަޅުގަނޑު ނިންމައި އެކަން އިއުލާނުކުރަން،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދުގެ ވާހަކަފުޅުގައި އެމްޑީޕީގެ ހުރިހާ މެންބަރުންގެ ތާއީދާއި ވޯޓަށް އެދިވަޑައިގަންނަވަމުން ވިދާޅުވީ، އޭނާ ވެވަޑައިގަންނަވާނީ ހުރިހާ އާންމު މެންބަރުންގެ އިހުސާސްތައް ދަންނަ، އެންމެންގެ ފިކުރުތައް ގޮވައިގެން މަސައްކަތް ކުރައްވާނެ "ތިލަފަތުގެ މީހަކަށް" ކަމަށެވެ. އަދި އޭނާގެ ވެރިކަމެއްގައި ރައްޔިތުންގެ މަސްލަހަތު އިސްކޮށް، އިންސާފުވެރި އަދި ސާދާ ވެރިކަމެއް ކޮށްދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންނެވިއެވެ.
ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމް އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރައްވައި، އދ. ގެ އާންމު މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ޝާހިދު ވިދާޅުވީ، ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވީ ޑިމޮކްރެޓިކް އުސޫލުތައް ދެމެހެއްޓުމުގެ ގޮތުން ކަމަށެވެ. ޕާޓީގެ އިސް މަގާމެއްގައި ހުރެގެން އެތެރޭގެ އިންތިޚާބެއްގައި ވާދަކުރުމަކީ އިންސާފުވެރި ގޮތެއް ކަމަށް ޤަބޫލުނުކުރައްވާތީ، ޕްރައިމަރީގައި ވާދަކުރަން ނިންމެވުމާއެކު މަގާމުން ވަކިވެވަޑައިގަތީ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ އިޞްލާޙީ ދަތުރުގައި ޤާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނެވޭނީ ހަމައެކަނި އެމްޑީޕީއަށް ކަމަށާއި، އޭނާ އުފައްދަވާ ސަރުކާރަކީ އެމްޑީޕީގެ އެއްވެސް މެންބަރަކު ބާކީނުކުރާނެ ސަރުކާރަކަށް ވާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.