
މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ހަފްތާގައި މާލެ ސަރަހައްދުގައި ހިނގާފައިވާ އެކްސިޑެންޓްތަކުގެ އަދަދު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ރޯދަ މަހުގެ ފުރަތަމަ ހަތް ދުވަހު އެންމެ ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ މާލޭގެ މަޖީދީ މަގާއި، ސިނަމާލެ ބްރިޖް އަދި ހައިވޭގައެވެ.
މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި އެކްސިޑެންޓްތައް ހިނގާފައިވާ ގޮތުގެ ތަފްސީލަށް ބަލާއިރު:
މަޖީދީ މަގު: 19 އެކްސިޑެންޓް
ސިނަމާލެ ބްރިޖާއި ހައިވޭ: 19 އެކްސިޑެންޓް
ހުޅުމާލެ ފޭސް 1: 17 އެކްސިޑެންޓް
ހުޅުމާލެ ފޭސް 2: 16 އެކްސިޑެންޓް
އަމީނީ މަގު: 9 އެކްސިޑެންޓް
ބޮޑުތަކުރުފާނުމަގު: 8 އެކްސިޑެންޓް
ބޮޑުތަކުރުފާނު މަގު ލޯކަލް މާރުކެޓް ސަރަހައްދު: 3 އެކްސިޑެންޓް
އެހެން ސަރަހައްދުތައް: 16 އެކްސިޑެންޓް
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ނިމިދިޔަ ފެބްރުއަރީ މަހަކީވެސް އެކްސިޑެންޓްތައް ގިނަ މަހެކެވެ. އެ މަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓްތަކެވެ. އެގޮތުން ޖުމްލަ 250 އެކްސިޑެންޓް ފެބްރުއަރީ މަހު ރިޕޯޓްކޮށްފައިވެއެވެ.
މަގުމަތީގެ ނުރައްކާތެރި ހާދިސާތައް އިތުރުވަމުންދާތީ، މަގުތަކުގައި އުޅަނދު ދުއްވާއިރު އަމިއްލަ ސަލާމަތާއި އެހެން މީހުންގެ ސަލާމަތަށް ބަލައިގެން، މަގުމަތީގެ ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކުރައްވާފައެވެ. ރޯދަ މަހަކީ މަގުމަތީގެ ބާރުބޮޑު މަހަކަށްވާތީ، ދުއްވާ ފަރާތްތަކުން އިތުރަށް ސަމާލުވުމަކީ މިފަދަ ހާދިސާތައް މަދުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.