info@redhan.media

whiteLogo

32.45 C

navLogo

ލެގޫންސްގެ އިންތިޚާބަށް އަޑުބަރޭ ހުރަސްއަޅައި ހަމަނުޖެހުން ހިންގަން މަސައްކަތްކޮށްފި

ލެގޫންސްގެ އިންތިޚާބަށް އަޑުބަރޭ ހުރަސްއަޅައި ހަމަނުޖެހުން ހިންގަން މަސައްކަތްކޮށްފި
ޕޮޓޯ: ސޯޝަލް މީޑިޔާ
Redhan News Room

ލެގޫންސް ސްޕޯޓްސް ކްލަބުގެ އައު ބޯޑު އިންތިޚާބު ކުރުމަށް ބޭއްވި ޖަލްސާއަށް ޔޫތް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ވަދެ، ބޮޑެތި ހަމަނުޖެހުންތަކެއް ހިންގަން މަސައްކަތް ކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ 12 އޮގަސްޓް 2026 ވީ ބުދަ ދުވަހުގެ ރޭ 22:00 ހާއިރު، ލެގޫންސްގެ ބޯޑު މެންބަރުން ހޮވުމަށް ބޭއްވި ޖަލްސާގެ ތެރޭގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އަޑުބަރޭ އިތުރު ތިން މީހަކާއެކު އެ ތަނަށް ވަދެގަނެ، މަސްލަހަތު ނަގާލުމަށް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

މި ހަމަނުޖެހުމުގެ ތެރޭގައި، މިހާރުގެ ސަރުކާރާ ދެކޮޅަށް ބޭނުން ކަމެއް ކުރާނެ ކަމަށާއި، ކޯޓުތަކާއި ސަރުކާރުގެ ތެރެއިން ބާރާއި ނުފޫޒު ބޭނުންކޮށްގެން ބޭނުން ކޮންމެ ކަމެއް ހާސިލުކުރާނެ ކަމަށް ބުނެ އަޑުބަރޭ ވަނީ ތަކުރާރުކޮށް އިންޒާރު ދީފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ކުރިންވެސް އަޑުބަރޭ އާއި އިތުރު ދެ މީހަކު ވެގެން، ލެގޫންސްގެ މިހާރުގެ ރައީސް އިބްރާހިމް މަމްނޫނަށް މަރުގެ އިންޒާރު ދީފައިވާ މައްސަލައެއް ފުލުހަށް ވަނީ ހުށަހެޅިފައެވެ.

އިންތިޚާބަށް ހުރަސް އެޅުމުގެ ގޮތުން، ދަނޑުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތަކަށް ގެއްލުންދީ، ކަރަންޓު ކަނޑާލައި، ބައެއް މެންބަރުންނަށް އިންޒާރުދީ މާރާމާރީ ހިންގުމަށް ވެސް އެ ގްރޫޕުން ވަނީ މަސައްކަތް ކޮށްފައެވެ. މި ހަމަނުޖެހުންތަކުގައި ބައެއް މެންބަރުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވީ ނަމަވެސް، ފުލުހުންގެ އެހީތެރިކަމާއެކު ކޯޓު އަމުރާ އެއްގޮތަށް އިންތިޚާބުގެ ކަންކަން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކުރިމަތިވި މިފަދަ ނުރައްކާތެރި ގޮންޖެހުންތަކާއެކުވެސް، 330 އަށްވުރެ ގިނަ މެންބަރުންގެ ބައިވެރިވުމާއެކު، އާންމު މެންބަރުންގެ ބޮޑު އަގުލަބިއްޔަތުން ވަނީ ކުރިއަށް އޮތް ދައުރަށް ލެގޫންސްގެ ބޯޑު މެންބަރުން ކާމިޔާބުކަމާއެކު އިންތިޚާބުކޮށްފައެވެ.

ލެގޫންސް ސްޕޯޓްސް ކްލަބުން ވަނީ އިންތިޚާބުވި ހުރިހާ ބޯޑު މެންބަރުންނަށް މަރުހަބާ ދަންނަވައި، ބިރުދެއްކުމާއި ނުފޫޒަށް ދޫނުދޭނެ ކަމުގެ ޔަގީންކަން މެންބަރުންނަށް ދީފައެވެ.

މީގެ އިތުރުން ފާހަގަކޮށްލެވޭ ގޮތުގައި، އަސްހަދު އަލީ (އަޑުބަރޭ) އަކީ މީގެ ކުރިން 15 ދުވަހުގެ ޖަލު ހުކުމެއްވެސް ތަންފީޒުކޮށްފައިވާ މީހެކެވެ. އޭނާ ޖަލަށް ލުމަށް ހުކުމްކުރީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުވާކޮށްފައި ވަނިކޮށް، އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޖާމިނުވުމަށްފަހު، އަލީ ވަހީދު ރާއްޖެ ގެނެސްދޭނެ ކަމަށް ވެފައިވާ އިގުރާރާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުމާ ގުޅިގެންނެވެ.

އެ މައްސަލައިގައި ކޯޓަށް ހާޒިރުވުމަށް އަސްހަދަށް ޗިޓު ރައްދުކުރެވިފައިވީ ނަމަވެސް، އޭނާ ކޯޓަށް ހާޒިރުވެފައި ނުވާތީ އެ ހުކުމް އޭނާގެ މައްޗަށް އިއްވާފައިވަނީ ޣައިރު ހާޒިރުގައެވެ.

ލެގޫންސް ސްޕޯޓްސް ކްލަބުގެ އިންތިޚާބުގެ ތެރެއިން ހިންގި މި ހަމަނުޖެހުންތަކާ ގުޅިގެން އެ ކްލަބުން ބުނީ، އެއްވެސް ފަރާތަކުން ކުރިމަތިކުރާ ބިރުދެއްކުމަކަށް ނުވަތަ ނުފޫޒަކަށް ދޫނުދޭނެ ކަމަށާއި، މެންބަރުންގެ ހައްގުތައް ހިމާޔަތްކުރުމުގައި ދެމިތިބޭނެ ކަމަށެވެ.

Rate this article

Leave a Comment

Comments (0)