-1778159079644.webp)
ރާއްޖޭގައި މި ދުވަސްވަރު އިންފްލުއެންޒާ ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވަމުންދާތީ، ކުރިއަށް އޮތް ބޮޑު އީދު ބަންދުގެ ކުރިން ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރު މުޙައްމަދު އަލީ އިލްތިމާސްކުރައްވައިފިއެވެ.
ޑރ. މުޙައްމަދު އަލީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ދުވަސްވަރު އިންފްލުއެންޒާ ޖެހޭ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އީދު ބަންދުގެ ދެ ހަފުތާ ކުރިން އިންފްލުއެންޒާ ވެކްސިން ޖެހުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިގޮތަށް އިލްތިމާސް ކުރެއްވީ ވެކްސިން ޖެހުމަށްފަހު ހަށިގަނޑުގައި އެއަށް ދިފާޢީ ބާރު އުފެދި، މަސައްކަތް ކުރަން ފެށުމަށް ގާތްގަނޑަކަށް ދެ ހަފުތާގެ މުއްދަތެއް ނަގާނެތީއެވެ.
އިންފްލުއެންޒާ އަކީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި 'އޭ'، 'ބީ' އަދި 'ސީ' ވައިރަސް ހިމެނެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ މާލެ ސަރަހައްދުގައި އިންފްލުއެންޒާ އާއި އަރިދަފުސް ރޯގާ އިތުރުވަމުން އަންނާތީ، މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.
އަރިދަފުސް ރޯގާ އަދި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމަށްޓަކައި އަންނަނިވި ފިޔަވަޅުތައް އެޅުމަށް ސިއްހީ މާހިރުން ލަފާދެއްވައެވެ:
އަތް ދޮންނަން ޖެހޭ ހާލަތްތަކުގައި، ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން ނުވަތަ ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުން.
އަރިދަފުސް ރޯގާ ހުރި ނަމަ އަދި ކެއްސާ ކިނބިހި އަޅާއިރު، ނޭފަތާއި އަނގަ ރަނގަޅަށް ނިވާކުރުން.
ހުންއައިސް ރޯގާޖެހި ތިން ދުވަހަށްވުރެ އިތުރުވާނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފައާއި އިރުޝާދު ހޯދުން.
އީދު ބަންދަކީ ގިނަ ބަޔަކު އެއްވެ އުޅޭ އަދި ދަތުރުފަތުރުކޮށް އުޅޭ ދުވަސްވަރަކަށް ވާތީ، ބަލިން ރައްކާތެރިވުމުގެ ގޮތުން ކުރިއާލާ ފިޔަވަޅު އެޅުމަކީ ބަލި ފެތުރުން ކުޑަކުރުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.