
ކުރިއަށް އޮތް އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ރާއްޖޭގެ ޤައުމީ ޓޭބަލްޓެނިސް (ޓީޓީ) ޓީމުގެ 8 ކުޅުންތެރިން ހޮވި، ފަރިތަކުރުންތައް ފަށައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ޓޭބަލްޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިންނެވެ.
މި އަހަރުގެ އޭޝިއަން ގޭމްސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 19 އިން އޮކްޓޯބަރު މަހުގެ 4 ގެ ނިޔަލަށް ޖަޕާނުގެ އައިޗީ އަދި ނަގޯޔާގައެވެ. މި ބޮޑު ކުޅިވަރު އީދަށް ޤައުމީ ޓީމު ތައްޔާރުވަމުންދާ ގޮތުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާ ހިއްސާކުރަމުން ޓީޓީ އެސޯސިއޭޝަނުން ބުނީ، މުބާރާތުގައި ވާދަކުރާ ޤައުމީ ސްކޮޑުން ޖުމްލަ 8 ކުޅުންތެރިން ޖާގަ ހޯދާފައިވާ ކަމަށެވެ.
މި މުބާރާތުގައި ވާދަކުރާ ކުޅުންތެރިންގެ ފަރިތަކުރުންތައް މިހާރު ވަރަށް ފޯރިއާއެކު ކުރިއަށްދާއިރު، މި ފަރިތަކުރުންތައް ކުރިއަށް ގެންދަނީ މި އަހަރުގެ ޖުލައި މަހުގެ ފަހުކޮޅު ޓީމާ ހަވާލުވި ނައިޖީރިއާގެ ތަޖުރިބާކާރު ކޯޗު އޮމިނިޔި އަޑެޑޮޓުންގެ ބެލުމުގެ ދަށުންނެވެ. އައު ކޯޗުގެ އިރުޝާދުގެ ދަށުން ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްޤީކޮށް، މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް އަމާޒު ހިފާފައިވާ ކަމަށްވެސް އެސޯސިއޭޝަނުން ފާހަގަކުރެއެވެ.
ބައިނަލްއަޤްވާމީ މައިދާނުގައި ފަހަކަށް އައިސް ދިވެހި ޓީޓީ ޓީމުން އަންނަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އެހެންކަމުން ޖަޕާނުގައި ބާއްވާ މި މުބާރާތަކީވެސް ރާއްޖެއަށް ފަޚުރުވެރި ވަނަތަކެއް ހޯދުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.