-1777110785258.webp)
02:51 PM
މޯލްޑިވިއަން ބްލަޑް ސާވިސަސްގައި ލޭ ރައްކާކުރާ އައިސް އަލަމާރިއަކަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، ބައެއް މީހުންގެ ގަޔަށް އެޅި ލޭ ޕެކެޓުތަކަކީ ކުނިވެފައިވާ ނުވަތަ ތަޣައްޔަރުވެފައިވާ ލޭ ނޫންކަން ސިއްހީ ގޮތުން ޔަގީންވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ. ތެލެސީމިއާ ބަލި މީހުންތަކެއްގެ ގަޔަށް ކުނި ލޭ އެޅި ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓު ކުރަމުންދާތީ، އެކަން ހިނގައިދިޔަ ގޮތް ސާފުކޮށްދިނުމަށް ބްލަޑް ސާވިސަސް އިން ވަނީ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިދިޔަ އާދިއްތަ ދުވަހު ހިދުމަތްދީ ނިންމައި މަރުކަޒު ބަންދުކުރި ފަހުންނެވެ. ލޭގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހަދާ ސިއްހީ ތަހުލީލްތަކާއި ކްރޮސް މެޗު ހަދައި، ރަނގަޅު މިންގަނޑެއްގައި ހުރިކަން ކަށަވަރުވުމުން ލޭ ރައްކާކުރާ ފްރީޒަރު ނަންބަރު 2 ގައި ލޭ ބަހައްޓާފައި ވަނިކޮށް އެ ފްރީޒަރަށް ޓެކްނިކަލް މައްސަލައެއް ދިމާވީއެވެ.
މި މައްސަލަ ފާހަގަވީ އެ ރޭ 10:11 ހާއިރު ފްރީޒަރުގެ ޓެމްޕަރޭޗާ މޮނީޓާ ކުރާ އެލާޓް ސިސްޓަމުން މެސެޖުތަކެއް ލިބެން ފެށުމުންނެވެ. އެލާޓް ލިބުމާއެކު ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ތިން މުވައްޒަފަކު އެ ތަނަށް ހާޒިރުވެ، ޖުމުލަ 12 ލޭ ޕެކެޓެއް ސްޓޭންޑްބައި ފްރީޒަރަކަށް ވަނީ ބަދަލުކޮށްފައެވެ. ނަމަވެސް އޭގެ ތެރެއިން ތިން ޕެކެޓެއް މީހުންގެ ގަޔަށް ވަނީ އެޅިފައެވެ.
ބްލަޑް ސާވިސަސް އިން ބުނީ ޖެހިގެން އައި ދުވަހު ހުޅުމާލެ ހޮސްޕިޓަލްގެ ކޮލިޓީ އިންޝުއަރެންސް ޓީމާ ގުޅިގެން ފްރީޒަރުގެ އޮޓޮމޭޓަޑް ރިކޯޑުތަކާއި މެންޑޭޓަރީ ޗެކުތައް ފުރިހަމަކޮށްފައިވާ ކަމަށެވެ. އާންމުކޮށް 2-6 ޑިގްރީގައި ހުންނަންޖެހޭ ފްރީޒަރުގެ ފިނިހޫނުމިން 11 ޑިގްރީއަށް މައްޗަށް ގޮސްފައިވާކަން ފާހަގަވި ނަމަވެސް، ސިއްހީ މިންގަނޑުތަކުން އެނގޭ ގޮތުގައި 10 ޑިގްރީއަށް ވުރެ މަތިނުވާ ގޮތަށް ހަތަރު ގަޑިއިރު ވަންދެން ލޭ ޕެކެޓުތައް ރައްކާތެރިކަމާއެކު ބެހެއްޓޭނެއެވެ.
"އެހެންކަމުންމުވައްޒަފުންފްރީޒަރުކައިރިއަށްހާޒިރުވުމަށްހޭދަވިވަގުތާއިސިސްޓަމްގެލޮގުތަކަށްބަލާއިރު،އެއީބޭނުންނުކުރެވޭވަރަށްކުނިވެފައިވާލޭނޫންކަންޔަގީންކުރެވޭ" ކަމަށް ބްލަޑް ސާވިސަސްގެ ބަޔާނުގައި ބުނެފައިވެއެވެ. މި ހާދިސާއާ ގުޅިގެން ލޭ އެޅި ތިން މީހުންގެ ހާލަތުވެސް އެ އިދާރާއިން އަންނަނީ މޮނީޓާ ކުރަމުންނެވެ.