
އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (ބޮޑުތަކުރުފާނު) ކުރެއްވި ތާރީޚީ ޖިހާދުގެ ހަނދާންތައް އައުކޮށްދޭ ގޮތަށް އެ ރަށުގައި ބިނާކުރި "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ.
މި ބިނާ ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވީ މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އުތީމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ދަޢުވަތު އެރުވިގެން ވަޑައިގެންނެވި ޢިއްޒަތްތެރިންނާއި، އުތީމުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވިއެވެ. ބިނާ ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބިނާ ބައްލަވާލައްވާފައެވެ.

"ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި" ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވުން - ޕޮޓޯ: ރައީސް އޮފީސް
"ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި" އަކީ ޕޯޗުގީޒުންގެ އަޅުވެތިކަމުން މި ދިވެހި ޤައުމު ސަލާމަތްކުރުމަށް ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދު ރަމްޒުކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ ބިނާއެކެވެ. މި ބިނާގައި މައިގަނޑު 6 ތަނބު ހިމެނޭއިރު، މިއިން ކޮންމެ ތަނބަކުން ރަމްޒުކޮށްދެނީ ކަޅުއޮއްފުންމީގައި ޖިހާދުކުރެއްވި 6 ބަޠަލުންނެވެ. އެއީ މުޙައްމަދު ތަކުރުފާނާއި، އަލިތަކުރުފާނާއި، ޙަސަން ތަކުރުފާނާއި، ދުވާފަރު ދަންޑަހެލާއި، ތިމަރަފުށީ ޢަލީ ހާޖީ އަދި ޙަސަން ހާޖީއެވެ.
މި ބިނާގެ ފަރުމާގައި ދިވެހި ސަގާފަތާއި ތާރީޚުގެ މުހިންމު ސިފަތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން:
ތަނބުތައް ފަރުމާކޮށްފައިވަނީ ގަދީމީ މިސްކިތްތަކުގެ އާކިޓެކްޗަރަށެވެ.
މަތީގައިވާ 6 ފާނޫޒުން ރަމްޒުކޮށްދެނީ ޤައުމަށް ލިބުނު އުންމީދާއި އަލިކަމެވެ.
މެދުގައިވާ ބޮޑު ދޮރާށްޓަކީ މިނިވަން ޤައުމަކަށް ވަދެވޭ މަގު ރަމްޒުކޮށްދޭ އާޓެކެވެ.
ދޮރާށީގައި ކަނޑާނެގިފައިވަނީ މަރްޙޫމް މުޙައްމަދު ޖަމީލު ދީދީ ލިޔުއްވާފައިވާ "ތާރީޚީ ހަނދާން" މި ޅެމެވެ.
ބިނާގެ އެކި ބައިތަކުން ލިޔެލާޖެހުމާއި، ގަލުވަޑާމުގެ ފަންނުވެރިކަމުގެ އިތުރުން ތާނައަކުރުގެ ފެށުން ރަމްޒުކޮށްދެއެވެ.
ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ސިޔާސަތެއް ކަމުގައިވާ "ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމާއި، ތަރިކައިން އަމްދަނީ ހޯދުމުގެ މަޝްރޫޢު" ގެ ފެށުން ކަމަށެވެ.
ސަރުކާރުގެ ތަޞައްވުރަކީ އުތީމަކީ ޤައުމީ ތަރިކައިގެ މުހިންމު މަންޒިލެއްގެ ގޮތުގައި ތަރައްޤީކޮށް، ތާރީޚީ ތަންތަން ރައްކާތެރިކުރުމެވެ. މިފަދަ އުމްރާނީ ވަސީލަތްތަކުގެ ސަބަބުން ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވެ، ގެސްޓްހައުސްތަކާއި، ރެސްޓޯރެންޓްތަކާއި، އަތްތެރި މަސައްކަތްތަކަށް އޮންނަ ތަރުހީބު ބޮޑުވެ، ރަށުގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
އަލަށް ހުޅުވުނު މި ބިނާއާއެކު، އުތީމުގެ ބަނދަރުމައްޗަށާއި ރަށުގެ މަލަމައްޗަށް އިތުރު ފުރިހަމަކަމެއް ލިބިގެން ގޮސްފައިވެއެވެ.