
ޤައުމެއްގެ މުސްތަޤްބަލަކީ އެ ޤައުމެއްގެ ޅަދަރިންނެވެ. އެ ކުދިން ބޮޑެތިވަމުން އަންނަ މާހައުލަކީ އަމާން، އޯގާތެރި އަދި ރައްކާތެރި ތަނަކަށް ވާންޖެހެއެވެ. ނަމަވެސް، މިއަދު އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢުން ފެންނަމުން މިދަނީ މި މުހިންމު އަސާސްތައް ފުނޑުފުނޑުވެ، ކުދިންގެ މެދުގައި އަނިޔާވެރިކަމާއި ގަނާކުރުން (ބުލީކުރުން) އިންތިހާއަށް އިތުރުވެފައިވާ ބިރުވެރި މަންޒަރެވެ. މިފަދަ ލާއިންސާނީ އަދި ހިތާމަވެރި ހާދިސާއެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި މިވަނީ ދައުރުވެފައެވެ.
އާންމުވެފައިވާ އެ ވީޑިއޯއިން ފެންނަނީ ހުޅުމާލޭގެ ރެހެންދި ސްކޫލްގެ ދަރިވަރުންތަކެއް، އެ ސްކޫލުގެ އެހެން ދަރިވަރަކު ވަށާލައި، ރަޙުމެއްނެތި އެ ކުއްޖާއަށް އަނިޔާކޮށް ގަނާކުރަމުންދާ މަންޒަރެވެ. ތިން ދަރިވަރަކު ވެގެން އެއް ކުއްޖަކަށް ޖިސްމާނީ އަނިޔާދީ، ބިރުދައްކަމުން ދިޔައިރު، އަނިޔާ ލިބެމުންދިޔަ ކުއްޖާ ރޮއި އާދޭސްކުރަމުން އެފަދައިން ނުހެދުމަށް އެދެމުންދިޔަ މަންޒަރު ހިތްފަޅައިގެންދާ ފަދަ ގޮތަކަށް ސާފުކޮށް ފެނެއެވެ. އެއްވެސް ކުށެއްނެތް މަޢުޞޫމު ކުއްޖަކަށް މިފަދަ އަނިޔާއެއް ދެމުންދިޔައިރު، އެކަން ހުއްޓުވާނެ ނުވަތަ އެ ކުއްޖާގެ ޙައްޤުގައި ތެދުވާނެ އެއްވެސް ފަރާތެއް އެ މާހައުލުގައި ނެތުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ.
މި ހާދިސާއާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް "ރެދަން އޮންލައިން" ގެ ފަރާތުން ރެހެންދި ސްކޫލަށް ގުޅުމުން، އެ ސްކޫލުން ޖަވާބުދާރީވެފައިވަނީ ޒިންމާދާރުކަން ކުޑަ ގޮތަކަށެވެ. އެގޮތުން އެއީ ސްކޫލުން ބޭރުގައި ހިނގާފައިވާ ކަމެއް ކަމަށްވާތީ، އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެވެން ނެތް ކަމަށް ސްކޫލުގެ އިދާރާއިން ވަނީ ބުނެފައެވެ. އަދި މިކަމާ ގުޅޭގޮތުން ސްކޫލުގެ ޕްރިންސިޕަލް ނާޒިމްގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ގުޅި ނަމަވެސް، ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ. ސްކޫލުގެ ޔުނީފޯމުގައި ނުވަތަ ސްކޫލުގެ ދަރިވަރުންތަކެއް ހިންގާ މިފަދަ އަމަލުތަކުން ސްކޫލުގެ މެނޭޖްމަންޓަށް ރެކެވެން އޮންނާނެ ހެއްޔެވެ؟ ކަމެއް ސްކޫލުގެ ފާރުން ބޭރުގައި ހިނގުމަކީ، އެ ސްކޫލެއްގެ ދަރިވަރުންގެ އަޚްލާޤީ ޒިންމާއިން ސްކޫލަށް ބަރީޢަވެވޭނެ ސަބަބެއް ނޫނެވެ.
ސްކޫލް މާހައުލުގައާއި ސްކޫލުން ބޭރުގައިވެސް ކުދިންގެ މެދުގައި ގަނާކުރުމާއި ފުރައްސާރަކުރުމުގެ މައްސަލަތައް އާދަޔާޚިލާފަށް އިތުރުވަމުންދާއިރު، މިކަމަށް އެދެވޭ ދާއިމީ ޙައްލެއް އަދިވެސް ހޯދިފައެއް ނުވެއެވެ. ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި ތަޢުލީމީ އިދާރާތަކުން މިފަދަ ކަންކަން ހުއްޓުވުމަށް އެކަށީގެންވާ ސިޔާސަތުތަކެއް ތަންފީޒު ނުކުރެވިއެވެ. މިފަދަ ނޭދެވޭ ޢަމަލުތައް މުޖުތަމަޢުގައި އިންތިހާއަށް އިތުރުވަމުންދާއިރު، ގިނަ ބެލެނިވެރިންނަށްވެސް މި މައްސަލައިގެ ނުރައްކާތެރިކަން އެންމެ ފުރިހަމައަށް ވަޒަން ނުކުރެވޭކަން ފާހަގަކުރެވެއެވެ. ބައެއް ބެލެނިވެރިންނަށް މިއީ ކުދިންގެ މެދުގައި ހިނގާ އާދައިގެ ސަމާސާއެއްގެ ގޮތުގައި ދެކެވުނު ނަމަވެސް، މިއީ ކުއްޖެއްގެ މުޅި ދިރިއުޅުން އަނދަވަޅަކަށް ވައްޓާލާ ފަދަ ނަފްސާނީ އަދި ޖިސްމާނީ ބޮޑު ގެއްލުމެކެވެ.
މިއީ އަމިއްލަ ދަރިންނަށް މިފަދަ ކަންކަމުގެ ސަބަބުން ލިބޭނެ ގެއްލުން ބުނެދެވިފައި ނުވުމުން ވާ ކަމެއްބާއެވެ؟ ނުވަތަ މިކަމުގެ ނުރައްކާ އެނގިތިބެ، ގަސްތުގައި ކުރާ ކަމެއްބާއެވެ؟ މިއީ މިއަދު މުޅި މުޖުތަމަޢު ފުންކޮށް ވިސްނާލަންޖެހިފައިވާ މުހިންމު ކަމެކެވެ.
މުޖުތަމަޢާއި ސަރުކާރު މި ބިރުވެރި ހަޤީޤަތަށް ލޯމަރައިގެން ނިދާފައި ތިބެވޭކަށް ދެން ނެތެވެ. އިސްލާމީ ތަރުބިއްޔަތާއި އިންސާނީ ކަރާމާތުގެ އަގުވަޒަންކުރަން ދަރިންނަށް ދަސްކޮށްދިނުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ. ހަމައެއާއެކު، ސަރުކާރާއި ތަޢުލީމީ ވުޒާރާއިން މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅައި، ގަނާކުރުން ހުއްޓުވުމަށް ޤާނޫނީ ގޮތުންނާއި އިދާރީ ގޮތުން ހަރުދަނާ ނިޒާމެއް ޤާއިމުކުރަންޖެހެއެވެ. އެހެން ނޫންނަމަ، އަޅުގަނޑުމެންގެ ޅަދަރިންގެ މުސްތަޤްބަލު އަނިޔާވެރިކަމުގެ ތެރެއަށް ގެނބިގެންދާ މަންޒަރު ބަލަން ތިބެންޖެހިދާނެއެވެ.