-1769337977773.webp)
ދިވެހިރާއްޖޭގައި ކެންސަރު ބަލި ޖެހިފައިވާ މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މާލެ ސަރަޙައްދު ފިޔަވައި އެންމެ ގިނައިން މި ބަލީގެ މީހުން ތިބީ އައްޑޫ ސިޓީގައި ކަމަށް ހުޅުމާލެ ހޮސްޕިޓަލުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ސިއްހީ ވުޒާރާއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މާލެ ސަރަޙައްދަށް ފަހު ދެވަނައަށް އެންމެ ގިނައިން ކެންސަރު ބަލި މީހުން ރަޖިސްޓްރީވެފައިވަނީ ސ. އަތޮޅު ނުވަތަ އައްޑޫ ސިޓީގައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ތިންވަނައަށް އެންމެ ގިނަ މީހުން ށ. އަތޮޅުގައި ތިބިއިރު، ހަތަރުވަނައަށް އެންމެ ގިނަ މީހުން ރަޖިސްޓްރީވެފައިވަނީ ރ. އަތޮޅުގައެވެ. އުނގޫފާރު ހޮސްޕިޓަލުގެ ހިސާބުތަކަށް ބަލާއިރު، ރ. އަތޮޅުގައި އެކަނިވެސް މިވަގުތު ކެންސަރަށް ފަރުވާ ހޯދަމުންދާ 58 ބަލި މީހުން އެބަތިއްބެވެ.
ރާއްޖޭގައި ކެންސަރުގެ ފަރުވާއަށް ބޭނުންވާ ކީމޯތެރަޕީގެ ޚިދުމަތް އެންމެ ފުރަތަމަ ފަށާފައިވަނީ 2014 ވަނަ އަހަރުގައެވެ. މާލެއިން ބޭރުގައި މި ޚިދުމަތް އެންމެ ފުރަތަމަ ދޭން ފެށީ 2020 ވަނަ އަހަރު ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުގައެވެ. އޭގެ ފަހުން 2023 ވަނަ އަހަރުގެ ތެރޭގައި ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައިވެސް ކީމޯ ދެވޭނެ އިންތިޒާމު ވަނީ ގާއިމުކޮށްފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، ކެންސަރަކީ މިހާރު ރާއްޖޭގައި ތިންވަނައަށް އެންމެ ގިނަ މީހުން މަރުވާ ބައްޔެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ދިވެހި ފިރިހެނުންގެ މެދުގައި އެންމެ އާންމީ ފުއްޕާމޭގެ ކެންސަރެވެ. އަދި އަންހެނުންގެ މެދުގައި އެންމެ ގިނައިން ފެންނަނީ އުރަމަތީގެ ކެންސަރެވެ.
މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސިއްހީ ޚިދުމަތްތައް ފުޅާކޮށް، ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް ފަސޭހައިން ފަރުވާ ލިބޭނެ މަގު ފަހިކޮށްދިނުމެވެ.