info@redhan.media

whiteLogo

32.45 C

navLogo

"ކައުންސިލަކީ ވެރިކަން ހިންގުމުގެ ފަށަލައެއް، ޖަވާބުދާރީ ކުރުވާ ބައެއް ނޫން"

"ކައުންސިލަކީ ވެރިކަން ހިންގުމުގެ ފަށަލައެއް، ޖަވާބުދާރީ ކުރުވާ ބައެއް ނޫން"
social media
މަރިޔަމް

ލޯކަލް ކައުންސިލްތަކަކީ ދައުލަތުގެ ބާރުތަކުގެ ތެރެއިން ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ކައުންސިލްތަކުގެ ޒިންމާއެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.ސަރުކާރު ތަމްސީލް ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ޖަގަހައިގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކައުންސިލްތަކަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ސަރުކާރުން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކުގައި އެންމެ ބޮޑަށް އެއްބާރުލުންދީ މަގުފަހިކޮށްދޭންޖެހޭނެ ފަރާތްތައް ކަމަށެވެ. އަދި ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އޮތް ބައެއް ނޫން ކަމަށާއި އެއީ ޤާނޫނީ ނިޒާމު ރޭވިފައިވާ ގޮތުން ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.އެހެންކަމުން އެ މަޤާމުތަކަށް އިންތިޚާބު ކުރަންވާނީ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދޭނެ ކެންޑިޑޭޓުން ކަމަށް ރައީސް ވިދާޅުވިއެވެ."ވެރިކަން ކުރާ ބާރު ތެރޭގެ ފަށަލައެއް ކައުންސިލްތަކަކީ. އެހެންވީމަ އެ ފަށަލަ ތެރޭގައި ތަޅާފޮޅަންޏާ ކިހިނެތްތޯވާނީ. މަތިން ތިރިއަށް މި އަންނަނީ، ސަރުކާރުން މި ހަވާލުކުރަނީ ކައުންސިލާ، މިވެނި ޕްރޮޖެކްޓަކަށް ބިން ހަވާލުކޮށްލަދޭށޭ. މިވެނި ޕްރޮޖެކްޓަކަށް ބޭނުންވާ ބިން ރަޖިސްޓްރީކޮށްދޭށޭ. މިވެނި މަސައްކަތަކަށް ބޭނުންވާ މިވެނި ކަމެއް ކޮށްދޭށޭ. މިކަންކަން ކުރަން ހަވާލުކުރީމަ އެ މެންބަރުން އެއީ ސަރުކާރާ އިދިކޮޅު މެންބަރުން ކަމަށްވަންޏާ، އަދި އަމުދުން ކުރިއަށްއޮތީ ދެއަހަރާ ބައިގެ ތެރޭގައި ރިޔާސީ އިންތިޚާބަށްވާއިރު އިދިކޮޅު ޕާޓީގެ ރިޔާސީ އިންތީޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ވިދާޅުވާ ގޮތަކަށް މަސައްކަތް ކުރާ ކައުންސިލަރުން ތިބިއްޔާ ކިހިނެތްތޯ ވާނީ. އެ މަސައްކަތް އެތާ ހިނގިޔަ ނުދޭން ނޫންތޯ އެ މީހުން މަސައްކަތް ކުރާނީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.ރައީސް ވިދާޅުވީ ކޮންމެ ރައްޔިތަކުވެސް ވިސްނަންވާނީ އަމިއްލައަށް، ޤައުމާއި ރަށުގެ ތަރައްޤީއާ މެދު ކަމަށެވެ. އެގޮތުން، ކޮންމެ ރަށަކުންވެސް މިފަހަރު އިންތިޚާބު ކުރާ ކައުންސިލަރުންނަކީ ރަށުގެ ތަރައްޤީއަށް ސަރުކާރުން ރާވާކަންކަމުގައި އެންމެ ފުރިހަމައަށް އެއްބާރުލުންދޭނެ ބަޔަކަށް ހެދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެކި ރަށްރަށުގައި ގިނަ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ނިންމަވާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިއެވެ. އަދި އެކަންކަމަށް ހުރަސް އަޅާނެ ކައުންސިލްތައް އިންތިޚާބު ކުރުމަކީ އެ ރަށެއްގެ ރައްޔިތުން އަމިއްލައަށް މުސްތަޤުބަލަށް ހުރަސްއެޅުންކަމަށެވެ.އެހެންކަމުން ސިޔާސީ ވިސްނުން ދޫކޮށް، ޤައުމީ ވިސްނުމެއްގައި ކުރިއަށް އޮތް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގައި ވޯޓުލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންނެވިއެވެ.

Rate this article

Leave a Comment

Comments (0)