
ދ. ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސްގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި މުހިންމު ހިދުމަތް އެ ހޮސްޕިޓަލުގައި ފައްޓަވައިދެއްވީ ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.
ޑައިލިސިސްގެ ހިދުމަތަކީ ކިޑްނީ ބަލި ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން ކިޑްނީގެ މަސައްކަތް (ފަންކްޝަން) ވަކިވަރަކަށްވުރެ ދަށްވުމުން، ކޮންމެ ހަފްތާއަކު ދޭއް ނުވަތަ ތިން ދުވަހު މެޝިންގެ އެހީގައި ހޯދަންޖެހޭ ފުރާނައާ ގުޅިފައިވާ މުހިންމު ފަރުވާއެކެވެ. މި ފަރުވާ ފުރިހަމަކުރުމަށް ކޮންމެ ދުވަހަކު ގާތްގަނޑަކަށް ހަތަރު ގަޑިއިރު މެޝިނާ ގުޅިފައި ހުންނަންޖެހެއެވެ.
މި ހިދުމަތް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާރުވެސް މާލެ ސަރަހައްދުގެ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލުން މި ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ރާއްޖޭގެ ގިނަ ރީޖަނަލް ހޮސްޕިޓަލްތަކާއި، ފުވައްމުލަކު ސިޓީ އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުންވެސް ޑައިލިސިސްގެ ފަރުވާ ލިބެން ހުރެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސިއްހީ ހިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް އިސްކަންދޭއިރު، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އެކަނިވެސް ރާއްޖޭގެ 11 ރަށެއްގައި މި ހިދުމަތް އަލަށް ގާއިމުކޮށް ފޯރުކޮށްދެވިފައިވާކަން ފާހަގަކޮށްލެވެއެވެ. މިއީ އަތޮޅުތެރޭގައި ދިރިއުޅޭ ކިޑްނީ ބަލީގެ ފަރާތްތަކަށް ފަރުވާ ހޯދުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެކެވެ.