-1792306375849.webp)
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގެ ތެރެއިން ދެ ފްލެޓެއް ހުސްކުރުމަށް އެންގުމާ ގުޅިގެން، ކުލި ނުދައްކައި ތިބި ގިނަ އަދަދެއްގެ މީހުން ކުލި ދެއްކުމުގެ މަސައްކަތް ފަށައިފިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން 15 ދުވަހުގެ ނޯޓިސް ދީ، އެއްބަސްވުން ބާތިލްކޮށްފައި ވަނީ ފްލެޓަށް ވަން ފަހުން އެއްގޮތަކަށް ވެސް ކުލި ނުދައްކާ ހުރި ދެ ޔުނިޓެއްގައެވެ. މި ދެ ޔުނިޓުގެ ވެރިފަރާތަށް ވެސް އެއްބަސްވުމުގައިވާ ގޮތުގެ މަތިން ފައިސާ ދެއްކުމަށް އެކި ފަހަރު މަތިން ފުރުސަތު ދިން ކަމަށް އެފްޑީސީން ބުނެއެވެ. ނަމަވެސް، ދިން މުއްދަތު ހަމަވިއިރު ވެސް ފައިސާ ދައްކާފައި ނުވާތީ، މިދިޔަ ބުދަ ދުވަހު ވަނީ އެފަރާތްތަކާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އަންގައިފައެވެ. އަދި އެ މީހުންނަށް އެފްޑީސީގެ ޕޯޓަލް އެކައުންޓަށް ދީފައިވާ އެކްސެސް ވެސް މިހާރު ވަނީ ކަނޑާލައިފައެވެ.
އެކަމާ ގުޅިގެން ހަމްދާން މިއަދު ވިދާޅުވީ، ދެ ޔުނިޓެއް ހުސްކުރަން އެންގުމާ އެކު، ކުލި ނުދައްކައިގެން ނޯޓިސް ފޮނުވާފައި ތިބި ގިނަ ބަޔަކު އަންނަނީ ކުލި ދައްކަން އެ ކުންފުންޏަށް ގުޅަމުން ކަމަށެވެ. އަދި މިހާރު ނޯޓިސް ފޮނުވާފައިވާ ގިނަ މީހުންނަކީ އެކެއް ނުވަތަ ދެ މަހުގެ ކުލި ނުދައްކާ ތިބި މީހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ހަމްދާން ވިދާޅުވީ، ބައެއް މީހުން ނުދައްކާ އޮތް ކުލި ބޮޑުވެ، އެއްފަހަރާ ފައިސާ ދައްކަން ދަތިވާނެތީ، ބަހާލައިގެން ކުލި ދެއްކޭނެ އިންތިޒާމުތައް އެފްޑީސީން ހަމަޖައްސައިދޭނެ ކަމަށެވެ.
"ކުލި ނުދައްކައިގެން ނޯޓިސް ފޮނުވާފައިވާ ތިބި ގިނަ ފަރާތްތަކުން ކުލި ދައްކަން އަޅުގަނޑުމެންނަށް އެބަ ކޮންޓެކްޓް ކުރޭ. އޭގެ އިތުރުން އެއް ފަހަރާ ފައިސާ ދައްކަން ދަތިވާ ނަމަ އެ ވެސް ބަހާލައިގެން ދެއްކޭނެ އިންތިޒާމު އަޅުގަނޑުމެން ހަމަޖައްސައިދޭނަން،" ހަމްދާން ވިދާޅުވިއެވެ.
ހުޅުމާލެ 2 ގައި ހަދާފައިވާ އެފްޑީސީގެ 4،000 ފްލެޓަށް ބައެއް މީހުން ކުލި ނުދައްކަނީ އެ ސަރަހައްދުގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކަށް ވެސް މީހުން ކުލި ނުދައްކާ އުޅޭއިރު ވެސް އެ ތަންތަން އަތުލުން ފަދަ ފިޔަވަޅެއް ނާޅާތީއެވެ. އެކަމަކު، އެފްޑީސީން ފްލެޓު އެއްބަސްވުން ހަދާފައި އޮތީ ގަވާއިދުން ކުލި ނުދައްކާ ނަމަ އެ ތަންތަން އަތުލުމުގެ ބާރު ލިބޭ ގޮތަށެވެ.
އެ ކުންފުނިން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ގަވާއިދުން ކުލި ނުދައްކާ 564 ފްލެޓެއް އެބަހުއްޓެވެ.