info@redhan.media

whiteLogo

32.45 C

navLogo

ދުންފަތާ ދުރުވެ، ރާއްޖެ ކުޅިވަރުގެ ރަން ޒަމާނަކަށް

ދުންފަތާ ދުރުވެ، ރާއްޖެ ކުޅިވަރުގެ ރަން ޒަމާނަކަށް
ޕޮޓޯ: ސޯސަމް މީޑީޔާ
Redhan News Room

ޤައުމީ ޓީމުތަކުގެ އެތްލީޓުންނަކީ ދުންފަތާ ދުރު ބަޔަކަށް ހެދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިން ބިންގާ އެޅިގެންދިޔަ ސިޔާސަތާއެކު، ރާއްޖޭގެ ކުޅިވަރުގެ މައިދާނަށް ތާރީޚީ ހެޔޮބަދަލެއް އަންނާނެކަމުގެ ކުލަވަރު ފެންނަން ފަށައިފިއެވެ. މިއީ ހަމައެކަނި ކުޅިވަރުގެ ސިޔާސަތެއް ނޫނެވެ. މިއީ އެތައް ޒަމާނަކަށް ދިގުދެމިގެންދާނެ މަންފާކުރުވަނިވި މުހިންމު ޤައުމީ މަސައްކަތެއްވެސް މެއެވެ.

ރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ، ގައިންގަޔަށް ނާރާ ބަލިތަކާ ދުރު އާބާދީއަކަށް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު އަމާޒަކަށްވާއިރު، އެ އަމާޒަށް ވާސިލްވުމަށްޓަކައި "ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ތަސްދީޤުކުރައްވާފައެވެ. އެއާއެކު، 2007 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އުފަންވެފައިވާ އަދި އެ ތާރީޚުގެ ފަހުން އުފަންވާ ހުރިހާ ކުދިން، ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން މިވަނީ ޤާނޫނުން މަނާވެގެން ގޮސްފައެވެ.

މި ސިޔާސަތުގެ ދަށުން ރާއްޖޭގެ އާބާދީގައި ހިމެނޭ ޒުވާނުންގެ ތެރެއިން އެންމެ ތާޒާ އުމުރުފުރާގެ ކުދިންނަކީ ދުންފަތުން ރައްކާތެރިވެފައިވާ ބަޔަކަށް ވެގެންދާނެއެވެ. 20 އަހަރުވެސް ނުފުރޭ ނޫކަށިފުރައިގެ މި ކުދިންނަކީ ރާއްޖޭގެ ކުރިމަގު ކަމަށްވާއިރު، އަގުނުކުރެވޭނެ މި ރައުސުލްމާލަށް ރައްކާތެރިވެވޭނީ މި ކުދިންނަކީ ދުޅަހެޔޮ ސިއްހަތެއްގެ ވެރި ބަޔަކަށް ހެދިގެންނެވެ.

ދިވެހިންނަކީ ފެށުނީންސުރެ ކުޅިވަރަށް ލޯބިކުރާ ބައެކެވެ. ދުނިޔޭގައި ފާހަގަކޮށްލެވޭ މޮޅެތި އެތްލީޓުންގެ ސްޓައިލްތަކާއި ކުޅުމުގެ ވައްޓަފާޅި ދަސްކޮށް، އެފަދަ ހުނަރުވެރި ބަޔަކަށް ވުމުގެ ހުވަފެންތައް ދެކެމުންދާ ބައެކެވެ. ޒަމާނީ ތަރައްޤީއާއެކު ކުޅިވަރުގެ ދާއިރާވެސް މިހާރު ކުރިއަރަމުން އަންނައިރު، އެކަޑަމީތަކުންނާއި ވައިޑީޕީ ހަރަކާތްތަކުން ހުނަރުވެރި ކުޅުންތެރިން އަންނަނީ އުފެދެމުންނެވެ. ގްރާސްރޫޓް މަރުހަލާއިން އުފެދުނު ފުރާވަރު އުމުރުފުރާގެ ކުޅުންތެރިން ސީނިއާ ޤައުމީ ޓީމުތަކުން ފުރުސަތު ހޯދާ، ތަޖުރިބާކާރު ކުޅުންތެރިންނާ އެއްސަފެއްގައި މިހާރު ވަނީ އެތުރިފައެވެ.

ޒުވާން ކުޅުންތެރިންނަކީ ދިވެހިންގެ ޝަރަފާއި ފަޚުރަށް ވެފައިވާއިރު، ދިވެހި ދިދަ ބައިނަލްއަޤްވާމީ ދަނޑުތަކުގައި ވިހުރާލަން ތިބީ މި ކުދިންނެވެ. އަދުގެ ޒުވާނުންނަކީ ދުންފަތާ ދުރު، ސިއްހީގޮތުން ދުޅަހެޔޮ ބަޔަކަށްވުމަކީ އަންނަންއޮތް ޖީލުތަކަށްވެސް ލިބިގެންދާނެ ބޮޑު ހިތްވަރެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރާ ކުޅުންތެރިންގެ ފުއްޕާމޭގެ ކެޕޭސިޓީ ދަށްވެ، ހިތުގެ ދުޅަހެޔޮކަން ގެއްލި، ކުޅިވަރުގެ މައިދާނުގައި ކާމިޔާބީ ހޯދުމަށް ބޮޑެތި ހުރަސްތައް ކުރިމަތިވެއެވެ. އެހެންކަމުން، ކުޅިވަރުގައި ކާމިޔާބު މީހަކަށްވެ، ދާއިމީގޮތެއްގައި ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާން ބޭނުންނަމަ ދުންފަތަށް ނޫނެކޭ ބުނަން އެބަޖެހެއެވެ.

ޤައުމީ ކުޅުންތެރިންނަކީ ދުންފަތާ ދުރު ބަޔަކަށް ހެދުމުގެ ސިޔާސަތުގެ ދަށުން، ދިގު މުއްދަތުގެ ފައިދާއެއް ހަމައެކަނި ކުރާނީ ކުޅިވަރަށް އެކަންޏެއް ނޫނެވެ. ދިވެހި ޒުވާނުންނަށް ޤައުމީ ތަރިންނަކީ ނަމޫނާ ބަޔަކަށްވާއިރު، ޤައުމީ ޝަރަފާ ގުޅިފައިވާ ކުޅުންތެރިން ދުންފަތާ ދުރުވުމުން، އެކަމުން ހިތްވަރު ހޯދައިގެން މުޅި މުޖުތަމަޢުގެ އެތައް ޒުވާނުންނެއްވެސް ދުންފަތާ ދުރުހެލިވުމަކީ ދުރު ކަމެއް ނޫނެވެ.

ޔަގީންވާ ކަމަކީ މި ސިޔާސަތާއެކު، ދިވެހި ކުޅިވަރުގެ އައު ރަންޒަމާނެއް ފެށޭނެ ކަމެވެ. އަދި އެ ޒަމާނަށް ޤައުމު ދަތުރުކުރާނީ ދުންފަތުގެ ދުމުން މުޅިން ރައްކާތެރިވެފައިވާ، ސިއްހަތު ރަނގަޅު ދުޅަހެޔޮ ޖީލެއް ނިސްބަތްވާ ޤައުމެއްގެ ފަޚުރުވެރި ޝަރަފާއެކީގައެވެ.

Rate this article

Leave a Comment

Comments (0)