info@redhan.media

whiteLogo

32.45 C

navLogo

ޑްރަގް ކެފޭއެއް ހިންގި އެޕާޓްމެންޓުން ހައްޔަރުކުރި ހަ މީހުން 30 ދުވަހަށް ބަންދުކޮށްފި

ޑްރަގް ކެފޭއެއް ހިންގި އެޕާޓްމެންޓުން ހައްޔަރުކުރި ހަ މީހުން 30 ދުވަހަށް ބަންދުކޮށްފި
ޕޮޓޯ: ސޯސަލް މީޑިޔާ
Redhan News Room

ކެފޭއެއްގެ ގޮތުގައި މަސްތުވާތަކެތި ވިއްކައި، އެ ތަކެތި ބޭނުންކުރަމުންދިޔަ އެޕާޓްމެންޓެއް ބަލައިފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހަ މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 30 ދުވަސް ޖަހައިފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ހަ މީހުންނަކީ ވެސް މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމުގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެ ތަކެތި ޓްރެފިކްކުރާ ކަމުގެ ތުހުމަތު ކުރެވޭ ބައެކެވެ. ފުލުހުން ބުނީ އެ އެޕާޓްމެންޓަކީ ކެފޭއެއްގެ އުސޫލުން މަސްތުވާތަކެތި ވިއްކައި، އެތަނަށް އަންނަ މީހުންނަށް މަސްތުވާތަކެތި ބޭނުންކުރެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސައިގެން ހިންގަމުންދިޔަ ތަނެއް ކަމަށެވެ.

ފުލުހުން އެ ތަން ބަލައިފާސްކުރިއިރު، އެޕާޓްމެންޓުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، ގިނަ އަދަދެއްގެ ފައިސާގެ އިތުރުން، މަސްތުވާތަކެތި ބަންދުކޮށް ކިރުމަށް ބޭނުންކުރާ އާލާތްތައް ވެސް ވަނީ ފެނިފައެވެ. އަދި ހައްޔަރުކުރި ބައެއް މީހުންނަކީ އެ ތަނަށް އަބަދުވެސް ވަދެ ނުކުމެ ހަދާ ބައެއްކަން ސާބިތުކޮށްދިނުމަށް ހެކިބަސް ލިބިފައިވާ ކަމަށް ފުލުހުން ކޯޓުގައި ވަނީ ހާމަކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ މީހުން ވަނީ އެޕާޓްމެންޓުން ފެނުނު މަސްތުވާތަކެއްޗާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެ، އެ މީހުންގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

ނަމަވެސް، ފުލުހުންގެ ފަރާތުން ކޯޓަށް ހުށަހެޅި ހެކިތަކާއި ކަންހިނގާފައިވާ ގޮތުގެ މައްޗަށް ރިއާޔަތްކުރުމަށްފަހު، އެ ހަ މީހުން ވެސް ތަހުގީގު މަރުހަލާ ނިމެންދެން 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

Rate this article

Leave a Comment

Comments (0)