
ކުރިއަށް އޮތް އަޟްޙާ ޢީދު ދުވަހުގެ ހެނދުނު މާލެ ސަރަހައްދުގެ ބޮޑު ޖަމާޢަތްތަކުގައި އިމާމުވެ ނަމާދުކުރައްވާނެ ބޭފުޅުން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މިއަދު އިޢުލާން ކުރައްވައިފިއެވެ.
އެ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މި އަހަރުގެ އަޟްޙާ ޢީދު ނަމާދު މާލެ ސަރަހައްދުގެ ހަތަރު މައިދާނެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މާލޭގެ މާފަންނު ސްޓޭޑިއަމްގައި އޮންނަ ބޮޑު ޖަމާޢަތުގައި އިމާމުވެ ނަމާދުކުރައްވާނީ އައްޝައިޚް ޢަބްދުﷲ ސަޢުދާނެވެ.
ވިލިމާލޭގެ ފުޓުބޯޅަ ދަނޑުގައި އަލްޤާރީ އަޙްމަދު ރިޔާޟް ނަމާދުކުރައްވާއިރު، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ސިންތެޓިކް ޓްރެކްގައި ނަމާދުކުރައްވާނީ އައްޝައިޚް ނަޞްރުﷲ ޢަލީއެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކުޅިވަރު އެކުވެނީގައި އޮންނަ ޖަމާޢަތުގެ ޚަތީބަކީ ޒުވާން އިމާމު އަލްޙާފިޡް މުޙައްމަދު ޙަނޫން ޙުސައިންނެވެ.
މައިދާންތަކުގެ އިތުރުން، މާލޭގެ ބޮޑު ދެ މިސްކިތެއްގައިވެސް ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް އޮންނާނެއެވެ. އެގޮތުން އިސްލާމީ މަރުކަޒުގައި ޢީދު ނަމާދުކުރައްވާނީ އިސް އިމާމު އައްޝައިޚް މުޙައްމަދު ލަތީފެވެ. އަދި މަސްޖިދުލްމަލިކި ސަލްމާންގައި ޢީދު ނަމާދު ކުރައްވާނީ އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، ޢީދު ނަމާދުގެ ޖަމާޢަތް ފެށުމަށް ހަމަޖެހިފައިވަނީ ޢީދު ދުވަހުގެ ހެނދުނު 7:00 ގައެވެ. އަދި މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ހުސް މައިދާންތަކުގައި ނަމާދުކުރެވޭގޮތް ނުވެއްޖެ ހާލަތެއްގައި، މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ވެސް ޢީދު ނަމާދުކުރުން ކުރިއަށްދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ އަޟްޙާ ޢީދު ދުވަހަކީ މި ހިނގާ ޖޫން މަހުގެ 27 ވާ ބުރާސްފަތި ދުވަހެވެ. ޢީދު ނަމާދުގެ ބޮޑު ޖަމާޢަތްތަކަށް ތައްޔާރުވުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ.