
ދައުލަތުގެ ނިޒާމުގެ ތެރޭގައި ހިންގާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށާއި، ސަރުކާރުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކުން ބަރީއަވުމަށްޓަކައި މިނިވަން ޕްރޮކިއުމަންޓް އެޖެންސީއެއް ގާއިމުކުރުން މުހިންމު ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމް.ޑީ.ޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އަސްލު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފައްޔާޒް ވަނީ ރާއްޖޭގެ ސިޔާސީ ނިޒާމަށް އައިސްފައިވާ ބަދަލުތަކާއި، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމަށް ގެންނަންޖެހޭ އިސްލާހުތަކާ ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަދައްކަވާފައެވެ.
ފައްޔާޒް ވިދާޅުވީ، ރާއްޖެއަށް ތައާރަފްވި ޑިމޮކްރަސީގެ އެންމެ ބޮޑު އެއް ފައިދާއަކީ ކޮރަޕްޝަންގެ ކަންކަން ރައްޔިޓުންނަށް އެނގި، ހާމަކަން ބޮޑުވެގެންދިޔުން ކަމަށެވެ. ޑިމޮކްރަސީއެއް ނެތްނަމަ، ވެރިން ކުރާ ވައްކަންތަކާއި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން އޮންނާނީ ފޮރުވިފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ މިސާލެއްގެ ގޮތުން، ވޭތުވެދިޔަ ދިގު މާޒީގައި ދައުލަތުގެ މުދަލާއި ފައިސާ ބޭނުން ގޮތަކަށް ބޭނުންކޮށްފައިވާ ކަމަށާއި، ބައެއް ފަރާތްތަކުން އަމިއްލަ ބޭނުންތަކަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ކޮރަޕްޝަންގެ ބާވަތްތަކަށް އަލިއަޅުއްވާލައްވަމުން ފައްޔާޒް ވިދާޅުވީ، ސީދާ ކޮރަޕްޝަނަކީ ދައުލަތުގެ ނިޒާމުތައް ބޭނުންކޮށްގެން އަމިއްލަ މީހާއަށް ނުވަތަ ގާތް މީހުންނަށް މަންފާ ހޯދައިދިނުން ކަމަށެވެ. މީގެ އިތުރުން ވެރިންނަކީ ކޮރަޕްޓް ބައެއް ކަމަށް ރައްޔިތުންނަށް ހީވާ ހީވުން ކަމަށާއި، މީގެ ސަބަބުން މުޖުތަމައުގައި ފިތުނަ އުފެދި، ގައުމު ކުރިއެރުމަށް ހުރަސް އެޅޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ކޮރަޕްޝަންގެ ތުހުމަތުތަކުން ސަރުކާރު ބަރީއަކުރުމަށްޓަކައި، ސަރުކާރާއި ޕްރޮކިއުމަންޓް ނިޒާމު ވަކިކުރަންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. މިގޮތުން މިނިވަން އެޖެންސީއަކުން މި މަސައްކަތް ކުރުމުން، ސަރުކާރުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް މަދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ނިޒާމުގެ ދަށުން ސަރުކާރުން ކުރަންޖެހޭނެ ކަމަކީ މަޝްރޫއުގެ ޑިޒައިން، ފައިސާގެ އަދަދު އަދި މުއްދަތު ކަނޑައެޅުން ކަމަށާއި އެކަން ކުރާނެ ބަޔަކު ހޯދައި، ޓެންޑަރ ކުރުމުގެ ހުރިހާ ކަމެއް ކުރާނީ އެ މިނިވަން އެޖެންސީންކަމަށެވެ. ފައްޔާޒް ވިދާޅުވި ގޮތުގައި އެ އެޖެންސީން ގޯހެއް ހަދައިފިނަމަ، ސަރުކާރަށް އެ އެޖެންސީ ޒިންމާދާރު ކުރެވޭނެކަމަށާއި އަދި ރައްޔިތުންގެ މަޖިލީހަށާއި ކޯޓުތަކަށް އެ މައްސަލަ ގެންދިއުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިފަދަ ނިޒާމެއް ގާއިމުކުރުމަކީ ރައްޔިތުންނާއި ވެރިންނާ ދެމެދު އިތުބާރު އުފެއްދުމަށްޓަކައި ކުރަންޖެހޭ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ފައްޔާޒް ސިފަކުރެއްވިއެވެ. ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މިއީ ކުރެވިދާނެ ކަމެއް ކަމަށާއި، މި އެޖެންސީއަކީ އެހެނިހެން މިނިވަން މުއައްސަސާތަކެކޭ އެއްފަދައިން ރައްޔިތުންގެ ކުރިމަތީގައި ޒިންމާދާރުކުރުވާ ތަނަކަށް ވާންޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.