-1776158603123.webp)
މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ޚަލީލް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޑރ. ޚަލީލް އެންމެ ފުރަތަމަ އަދާކުރެއްވީ ސިއްހީ ވަޒީރުކަމުގެ މަގާމެވެ. އޭގެ ފަހުން، ސަރުކާރަށް ގެނައި ބަދަލުތަކާއެކު އޭނާ ޚާރިޖީ ވަޒީރު ކަމުގެ މަގާމަށް އައްޔަން ކުރެއްވީ 30 ސެޕްޓެމްބަރު 2024 ގައެވެ.
ޑރ. ޚަލީލް ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، އިސްތިއުފާ ދެއްވި ވަކި ސަބަބެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ޑރ. ޚަލީލް އިސްތިއުފާ ދެއްވާފައި މިވަނީ، މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ރާއްޖޭގެ ފަސް ސިޓީއަކުން ސަރުކާރު ހިންގާ ޕީއެންސީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. މި ނާކާމިޔާބީއާ ގުޅިގެން ސަރުކާރުގެ އިސްލާހީ ފިޔަވަޅުތަކުގެ ދަށުން ބައެއް ބޭފުޅުން މަގާމުތަކުން ވަކިކުރަމުންދާއިރު، އަނެއް ބައި ބޭފުޅުން ދަނީ އަމިއްލައަށް އިސްތިއުފާ ދެއްވަމުންނެވެ.
މިގޮތުން، އިންތިހާބަށް ފަހު ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އަދި އެ ތަނުގެ ބައެއް އިސްވެރިން ވަނީ މަގާމުން ވަކިކޮށްފައެވެ. މީގެ އިތުރުން އެގްރޯ ނެޝެނަލް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ދީދީ ވެސް ވަނީ މަގާމުން ވަކިކުރައްވާފައެވެ.
މަގާމުން އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ އިސްވެރިން ހިމެނެއެވެ. އޭގެ ތެރޭގައި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާނާއި، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދުގެ އިތުރުން މިފްކޯގެ މެނޭޖިން ޑިރެކްޓަރު ފަރުހަތު ޝަހީރު ހިމެނިވަޑައިގަންނަވައެވެ.
ސަރުކާރުގެ އިސް މަގާމުތަކަށް މި އަންނަ ބަދަލުތަކަކީ އިދާރީ ހިންގުން ހަރުދަނާކުރުމަށް ރައީސް ޑރ. މުއިއްޒު ފަށްޓަވާފައިވާ މަސައްކަތްޕުޅެއްގެ ގޮތުގައި ބެލެވެއެވެ.