
ފަރަންސޭސިވިލާތުގެ މަޝްހޫރު މޮޑެލް އަދި ރިއަލިޓީ ޓީވީ ތަރި މެރިން އެލް ހައިމަރް އިސްލާމްދީން ގަބޫލުކޮށްފިއެވެ. އޭނާ ބުނި ގޮތުގައި މި ދުވަސްތަކަކީ އޭނާގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސްތަކެވެ.
އިސްލާމްދީން ގަބޫލުކުރިކަން އިއުލާނުކުރިތާ ދެ ދުވަސް ފަހުން، މިދިޔަ ހޮނިހިރު ދުވަހު ހައިމަރް ވަނީ މައްކާގެ ބަރަކާތްތެރި ކައުބަތުﷲ ގެފުޅުގެ އަރިހުގައި ބުރުގާ އަޅައިގެން ހުރި ފޮޓޯތަކެއް އާންމުކޮށްފައެވެ.
އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިވަގުތު ކުރެވެމުންދާ އުފާވެރިކަމާއި އަސަރުގަދަ އިހުސާސްތައް ބަޔާންކޮށްދޭނެ ފަދަ އެކަށީގެންވާ ބަސްތަކެއް ނެތް ކަމަށެވެ. މިއީ އޭނާގެ ރޫހާއި، ހިތާއި އަދި ބުއްދީގެ ނިންމުމެއްކަން ފާހަގަކުރަމުން، މި ފެށި ދަތުރުގައި މާތްﷲގެ ހިދާޔަތާއި ސާބިތުކަން މިންވަރުކޮށްދެއްވުމަށް އުންމީދުކުރާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ހައިމަރް އަކީ ފަރަންސޭސިވިލާތުގެ މަޝްހޫރު ރިއަލިޓީ ޝޯ "ލެ ޕްރިންސަސް އެޓް ލެ ޕްރިންސެސް ޑި ލަމޯ" (ލޯބީގެ އަމީރުންނާއި އަމީރާން) އިން މަގުބޫލުކަން ހޯދާފައިވާ ތަރިއެކެވެ. އޭނާ ވަނީ އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ދިން އެއްބާރުލުމަށާއި ދެއްކި އޯގާތެރިކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ.
ފަރަންސޭސި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހައިމަރް ބޮޑުވީ އޭނާގެ ދޮންބައްޕައާއެކުގައެވެ. ނަމަވެސް، އޭނާގެ އަސްލު ބައްޕައާއި އޭނާގެ އާއިލާގެ އަސްލު ނިސްބަތްވާ ތަން ހޯދުމަށް ގިނަ ދުވަސްތަކެއް ވަންދެން ކުރި ދިރާސާތަކުގެ ތެރެއިން އޭނާއަށް އިސްލާމްދީނާ ބެހޭ މައުލޫމާތު ލިބި، ދީނާ ގާތްވުމުގެ ފުރުސަތު ލިބުނީއެވެ.
މެރިން އެލް ހައިމަރް އިސްލާމްދީން ގަބޫލުކުރުމާ ގުޅިގެން ދުނިޔޭގެ އެކި ކޮޅުތަކުގައި ތިބި މުސްލިމުން ދަނީ އޭނާއަށް މަރުހަބާ ކިޔައި ހެޔޮ ދުއާ ފޮނުވަމުންނެވެ.