ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާބާދީއަށް އަމާޒުކޮށް، ހިޔާ 16 ވަނަ ޓަވަރުގައި ހުންނަ ޖެނެރަލް ޕްރެކްޓިސް (ޖީޕީ) ކްލިނިކްގެ ޚިދުމަތް، މިހާރު 24 ގަޑިއިރު ލިބޭނެ ގޮތަށް ހަމަޖައްސައިފިއެވެ. މިކަމުގެ ސަބަބުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ސިއްޙީ ފަރުވާ ހޯދުމަށް އިތުރަށް ފަސޭހަވެގެންދާނެކަމަށް އުންމީދުކުރެވެއެވެ.
މި ކްލިނިކް ހުޅުވާފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ސިއްޙީ ފަރުވާ ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، 2023 ވަނަ އަހަރުގެ މެދުތެރޭގައި ހިޔާ 16 ވަނަ ޓަވަރުގައި ވަނީ ޖެނެރަލް ޕްރެކްޓިސްއަށް ޚާއްސަ މި ކްލިނިކް ހުޅުވާފައެވެ. އެތަން ހުޅުވިއިރު 6 ގަޑިއިރަށް އެއް ޝިފްޓަށް ޚިދުމަތް ދެމުންދިޔަނަމަވެސް، ޚިދުމަތް ހޯދަން އަންނަ މީހުންގެ ނިސްބަތް އިތުރުވުމާއެކު މިދިޔަ އަހަރުގެ އޭޕްރީލް މަހު ވަނީ ދެޝިފްޓަށް ޚިދުމަތް ފޯރުކޮށްދޭން ފަށާފައެވެ.
މިދަނޑިވަޅަކީ ހުމާއި ރޯގާގެ ސީޒަނަށްވާތީ، ހުޅުމާލޭ ހޮސްޕިޓަލަށާއި، ޖީޕީ ކްލިނިކަށްވެސް ބާރު ބޮޑުވެއެވެ. އެހެންކަމުން އިތުރުވަމުންދާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އާބާދީއަށް ސިއްޙީ ޚިދުމަތް އިތުރަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މި ކްލިނިކްގެ ޚިދުމަތް ދޭވަގުތު އިތުރުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ ދަށުން ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުމާލޭ ހިޔާ ޓަވަރުގައި ހުރި ޖީޕީ ކްލިނިކްގައި 24 ގަޑިއިރު ޚިދުމަތްދޭން ނިންމާފައިވާކަމަށެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ސިއްހީ ކުއްލި ހާލަތްތަކުގައިވެސް ފަސޭހައިން ފަރުވާ ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
މި ޚިދުމަތުގެ ސަބަބުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ސިއްޙީ ރައްކާތެރިކަމަށް އިތުރު ބޮޅެއް އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.
އެގޮތުން ހުކުރު ދުވަސް ފިޔަވާ ހަފްތާގެ ކޮންމެ ދުވަހަކުވެސް 24 ގަޑިއިރު ކްލިނިކް ހުޅުވާފައި ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ. މިއާއެކު ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ސިއްޙީ ޚިދުމަތް ހޯދުމުގައި މިހާރަށްވުރެ ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށްވެސް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ވިދާޅުވިއެވެ.ހުޅުމާލޭގައި ހިޔާ ޓަވަރުގެ އިތުރުން، ސަރުކާރުން ތަރައްޤީކުރަމުންދާ 4000 ހައުސިންގ ޔުނިޓާއި އަދި އެނޫންވެސް ފްލެޓުތަކާއި ޢިމާރާތްތަކާއެކު ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާބާދީ އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން ސިއްޙީ ޚިދުމަތް ހޯދުމަށް އެދޭ މީހުންގެ ޢަދަދު ވަނީ އިތުރުވެފައެވެ. މީގެއިތުރުން ހުމާއި ރޯގާ ފެތުރޭ ދުވަސްވަރު ހުޅުމާލޭ ހޮސްޕިޓަލަށް ބާރު ބޮޑުވެގެންދެއެވެ.
އެހެންކަމުން މި ކްލިނިކްގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމާއެކު ދެވަނަ ފިޔަވަހީގެ ސިއްޙީ ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކަމާއެކު ހިދުމަތް ލިބި، ހުޅުމާލޭ ހޮސްޕިޓަލަށް އޮންނަ ބާރުވެސް ކުޑަވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.