
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަކީލް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) މިއަދު ހާމަކުރި ގޮތުގައި، ޝަކީލް ވަނީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުންނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުން ވަކިވުމަށް އެދި އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައެވެ. އެހެންކަމުން ޕީސީބީން ވަނީ އޭނާގެ އިސްތިއުފާ ގަބޫލުކޮށް، މަގާމުން ވަކިކޮށްފައެވެ.
ޝަކީލް ހައްޖު ކޯޕަރޭޝަންގެ އެމްޑީ ކަމުން އިސްތިއުފާ ދެއްވީ، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އޭނާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދިނުމާ ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މިއަދުގެ ޖަލްސާގައި ޝަކީލްގެ ނަން ފާސްކުރީ ބޮޑު އަޣުލަބިއްޔަތަކުންނެވެ.
29 ނޮވެމްބަރު 2023 ގައި ހައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަގާމާ ހަވާލުވެވަޑައިގެންނެވި ޝަކީލަކީ މީގެކުރިން ވެސް އިލެކްޝަންސް ކޮމިޝަންގެ މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ޑިސެމްބަރު 2014 އިން މެއި 2018 އަށް އީސީގެ މެންބަރުކަން އޭނާ ކުރެއްވިއެވެ. އަދި އޭގެ ކުރިން ސެޕްޓެމްބަރު 2013 އިން ޑިސެމްބަރު 2014 އަށް އެ ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު ވެސް ފުރުއްވާފައިވެއެވެ.
ޖުމްލަ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އިލެކްޝަންސް ކޮމިޝަންގައި މިވަގުތު ތިއްބެވީ ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަޙްމާން ސަލާހު ރަޝީދާއި، މެންބަރު ހަސަން ޒަކަރިއްޔާ، މެންބަރު ޢަބްދުލްހަސީބް އިސްމާއީލްގެ އިތުރުން މެންބަރު ރިފްއަތު އަބްދުﷲ އެވެ. ޝަކީލް އައްޔަންކުރުމުން އެ ކޮމިޝަންގެ މެންބަރުންގެ އަދަދު ހަމަވާނެއެވެ.