info@redhan.media

whiteLogo

32.45 C

navLogo

ރާއްޖެއިން ދާ ޙައްޖުވެރިންގެ އިންތިޒާމުތައް ބަލަހައްޓާ ރާއްޖޭގެ ޙައްޖު މިޝަންގެ ޓީމު މިއަދު ސަޢުދީ އަރަބިއްޔާއަށް ފުރައިފި

ރާއްޖެއިން ދާ ޙައްޖުވެރިންގެ އިންތިޒާމުތައް ބަލަހައްޓާ ރާއްޖޭގެ ޙައްޖު މިޝަންގެ ޓީމު މިއަދު ސަޢުދީ އަރަބިއްޔާއަށް ފުރައިފި
ޕޮޓޯ: އިސްލާމިކް މިނިސްޓްރީ
މަރިޔަމް

މިއަހަރުގެ ބަރަކާތްތެރި ޙައްޖުގެ އަޅުކަމަށް ރާއްޖެއިން ދާ ޙައްޖުވެރިންގެ އިންތިޒާމުތައް ބަލަހައްޓާ ރާއްޖޭގެ ޙައްޖު މިޝަންގެ ޓީމު މިއަދު ސަޢުދީ އަރަބިއްޔާއަށް ފުރައިފިއެވެ.

ޖުމްލަ 10 މެންބަރުންގެ މައްޗަށް އެކުލެވޭ މި މިޝަންގެ މައިގަނޑު މަގުސަދަކީ، ދިވެހި ޙައްޖުވެރިން ސަޢުދީއަށް ދިއުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން ބަލައި، އިންތިޒާމުތައް ހަމަޖެހިފައިވާކަން ކަށަވަރު ކުރުމެވެ. އެގޮތުން މައްކާގައި ޙައްޖުވެރިން ތިބޭނެ ހޮޓާތަކާއި، ޙައްޖުގެ މަޝާޢިރުތަކާއި، ދަތުރުފަތުރާއި، ކެއިންބުއިމުގެ އިތުރުން ސިއްޙީ އެންމެހާ އިންތިޒާމުތައް ހުރީ ސަޢުދީ ޙައްޖު މިނިސްޓްރީގެ މިންގަނޑުތަކާ އެއްގޮތަށްތޯ މި ޓީމުން ބަލައި ޔަގީންކުރާނެއެވެ.

Loading tweet...

ޙައްޖު މޫސުމާ ދިމާކޮށް މައްކާގައި ގާއިމުކުރާ ދިވެހި ޙައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިޔަކަށް މިއަހަރު ހަމަޖައްސަވާފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނަރަލް، އައްޝައިޚް އިމްތިޠާއު ޢައްބާސްއެވެ. މިއޮފީހަކީ ކޮންމެ އަހަރަކުވެސް ޙައްޖުގެ އިންތިޒާމުތައް ވިލަރެސްކޮށް ބެލެހެއްޓުމަށްޓަކައި ޙައްޖު މިޝަންގެ ދަށުން މައްކާގައި ހިންގާ އޮފީހެކެވެ.

މީގެ އިތުރުން، މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ރާއްޖޭގެ ފަރާތުން އިސް ޝައިޚެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު ޑރ. އިލްޔާސް ޙުސައިންއެވެ.

ރާއްޖެއިން މިއަހަރު ޙައްޖަށްދާ ފުރަތަމަ ގްރޫޕް ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރުގެ ޙައްޖުގެ ކަންކަން ވީހާވެސް އޮމާންކަމާއެކު ކުރިއަށް ގެންގޮސް، ޙައްޖުވެރިންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށެވެ.

Rate this article

Leave a Comment

Comments (0)