-1778248176358.webp)
އާޖެންޓީނާގެ ކުރޫޒް ޝިޕެއްގައި ނުރައްކާތެރި "ހަންޓާވައިރަސް" ފެތުރި، ތިން މީހަކު މަރުވުމާ ގުޅިގެން، އެ ބަލި ފެތުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކުގެ މަޢުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ހާމަކޮށްފިއެވެ.
މިދިޔަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހު އާޖެންޓީނާގެ "އެމް.ވީ ހޮންޑިއަސް" ނަމަކަށް ކިޔާ ކުރޫޒް ޝިޕަކުން މި ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 8 ކޭސްއެއް ވަނީ ފެނިފައެވެ. އޭގެ ތެރެއިން ތިން ފަސިންޖަރަކު މަރުވެފައިވާއިރު، ބަލި ޖެހިފައިވާ މީހުންނާ ބައްދަލުވި އެހެން މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ކުރަމުންނެވެ.
ހަންޓާވައިރަސްއަކީ ޢާއްމުގޮތެއްގައި މީދަލުގެ ޒަރީޢާއިން ފެތުރޭ ބައްޔެކެވެ. ނަމަވެސް، މި އުޅަނދުން ފެނިފައިވާ "އެންޑީސް ވައިރަސް" ސްޓްރެއިންއަކީ އެކަކުން އަނެކަކަށް ފެތުރުމުގެ ފުރުސަތު އޮތް ވައިރަހެއްކަން ޑަބްލިއު.އެޗް.އޯ އިން ފާހަގަކުރެއެވެ. މިއީ ބަލިޖެހޭ މީހުންގެ ތެރެއިން 40 އިންސައްތަ މީހުން މަރުވުމުގެ ބިރު އޮތް ނުރައްކާތެރި ބައްޔެކެވެ. މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް ހަށިގަނޑަށް ވަންނަތާ އެއް ހަފްތާއާއި އަށް ހަފްތާއާ ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ.
އާޖެންޓީނާގެ ސަރުކާރުން ބުނެފައިވާ ގޮތުގައި، މި ބަލި ފެތުރެން މެދުވެރިވީ އުޅަނދަށް އެރުމުގެ ކުރިން އުޝުއައިއާގައި ބޭއްވި ދޫނި ބަލާލުމުގެ ދަތުރެއްގައި ބައިވެރިވި ދެ ފަސިންޖަރެއްގެ ފަރާތުން ކަމަށް ބެލެވެއެވެ.
ބަލިންރައްކާތެރިވުމަށްޑަބްލިއު.އެޗް.އޯއިންދީފައިވާއިރުޝާދުތައް:
މީދާ ފަދަ ޖަނަވާރުތަކާ ދުރުހެލިވުން.
ގޭގެއާއި މަސައްކަތްކުރާ ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުން.
މީދާ ވަދެވޭ ގޮތަށް ހުންނަ ތަންތަން ބަންދުކުރުން.
ކާބޯތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
މީދަލުގެ ނަޖިސް ހުންނަ ތަންތަން ސާފުކުރުމުގައި ރައްކާތެރި ގޮތްތައް ބޭނުންކުރުން (ހިކިކޮށް ކުނިކެހުމުގެ ބަދަލުގައި، ސާފުކުރުމުގެ ކުރިން އެ ތަންތަން ތެންމާލުން).
އަތްދޮވުން ފަދަ ސާފުތާހިރުކަމުގެ އާދަތައް ވަރުގަދަކުރުން.
މާޔޯ ކްލިނިކުން ހާމަކޮށްފައިވާ ގޮތުގައި، މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ވަރުބަލިވުން، ހުންއައުން، މަސްތަކުގައި ރިއްސުން، ބޯއެނބުރުން، ހީކެރުވުން، މޭނުބައިކުރުން، ހޮޑުލުން، ބޭރަށްހިންގުން، ކެއްސުން އަދި ނޭވާލާން އުނދަގޫވުން ހިމެނެއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު، މިފަދަ އާ ބަލިތައް ފެތުރެން ފެށުމަކީ ދުނިޔޭގެ ސިއްހީ މާހިރުން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ. އެހެންކަމުން، ބަލިން ރައްކާތެރިވުމަށް ސިއްހީ އިދާރާތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ސަމާލުވުމަށް ޑަބްލިއު.އެޗް.އޯ އިން ވަނީ އިލްތިމާސްކޮށްފައެވެ.