info@redhan.media

whiteLogo

32.45 C

navLogo

އެޗްޑީސީގެ މުވައްޒަފުންނަށް އޮޅިގެން ދިން ބޯނަސް ފައިސާ ހަ މަސް ފަހުން އަނބުރާ އަތުލަން ފަށައިފި

އެޗްޑީސީގެ މުވައްޒަފުންނަށް އޮޅިގެން ދިން ބޯނަސް ފައިސާ ހަ މަސް ފަހުން އަނބުރާ އަތުލަން ފަށައިފި
ޕޮޓޯ: އެޗްޑީސީގެ އެމްޑީ ޒުހައިރު
Redhan News Room

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބައެއް މުވައްޒަފުންނަށް މިދިޔަ އަހަރުގެ ބޯނަސްގެ ގޮތުގައި އޮޅިގެން އިތުރަށް ދެވުނު ފައިސާ، ހަ މަސް ދުވަސް ފަހުން އަނބުރާ އަތުލުމަށް އެ ކުންފުނިން ނިންމައި އެކަން މުވައްޒަފުންނަށް އަންގައިފިއެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހު ބޯނަހުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 18,600 ރުފިޔާ ދީފައިވީ ނަމަވެސް، އެޗްޑީސީގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓުން މުވައްޒަފުންނަށް ފޮނުވި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ބައެއް މުވައްޒަފުންނަކީ އެ އަދަދަށް ބޯނަސް ހައްގުވާ ބައެއް ނޫނެވެ. ބޯނަސް ދިނުމުގައި ހެދިފައިވާ ގޯހަކުން، ކުންފުނީގައި ހިދުމަތް ކުރި މުއްދަތަށްވުރެ އިތުރަށް ބައެއް މުވައްޒަފުންނަށް ވަނީ ފައިސާ ޖަމާކޮށްފައެވެ.

" "ރެދަން އޮންލައިން" ނޫހަށް މައުލޫމާތު ދިން އެޗްޑީސީގެ ބައެއް މުވައްޒަފުން ބުނި ގޮތުގައި، ބައެއް މުވައްޒަފުންގެ އެކައުންޓަށް އޮޅިގެން 15,000ރ. އަށް ވުރެ ގިނަ ފައިސާ އިތުރަށް ޖަމާވެފައި އެބަހުއްޓެވެ. މުވައްޒަފަކު ކަންބޮޑުވުން ފާޅުކުރަމުން ބުނީ، މިއީ މުވައްޒަފުންގެ ކުށެއް ނޫން ކަމަށާއި، ހަ މަސް ދުވަސް ފަހުން އެ ފައިސާ އަނބުރާ ދައްކަން އެންގުމަކީ ބޮޑު އުނދަގުލެއް ކަމަށެވެ. އަދި ވެރިންނަށް އޮޅިގެން ކުރެވުނު ކަމެއްގެ ތަކުލީފު އުފުލަން ޖެހުނީ މުވައްޒަފުންނަށް ކަމަށްވެސް އޭނާ ބުންޏެވެ.

އިތުރަށް ދެވުނު ފައިސާ އަނބުރާ ހޯދުމަށް އެޗްޑީސީން މުވައްޒަފުންނަށް ދެ ގޮތެއް ވަނީ ހުށަހަޅާފައެވެ.

1.   ޖޫން 26 ގެ ކުރިން ކުންފުނީގެ ބޭންކް އެކައުންޓަށް އެ ފައިސާ އެއްކޮށް ޓްރާންސްފާ ކުރުން

2.   މުސާރައިން އުނިކުރުން (އެއް މަސް ދުވަހުގެ ތެރޭގައި އެއްކޮށް، ނުވަތަ ދެ މަހާއި ހަ މަސް ދުވަހުގެ މުއްދަތަށް ބަހާލައިގެން)،

މިދިޔަ އަހަރުގެ ބޯނަސް ދިނުން ލަސްވެގެން މުވައްޒަފުން ޝަކުވާ ކުރަމުން ދަނިކޮށް، އެޗްޑީސީން ބޯނަސް ބަހަން ފެށީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގައެވެ. މުވައްޒަފުން ފާހަގަކުރި ގޮތުގައި، މި ސަރުކާރު އައުމުގެ ކުރިން އާންމުކޮށް ކޮންމެ އަހަރެއްގެ ވެސް ޖުލައި ނުވަތަ އޯގަސްޓް މަހު ބޯނަސް ލިބެއެވެ.

އެޗްޑީސީއަކީ އާންމުކޮށް ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއްވާ އެއް ކުންފުންޏެވެ. ނަމަވެސް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު އެ ކުންފުންޏަށް ވަނީ 109 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ.

 

 

Rate this article

Leave a Comment

Comments (0)