info@redhan.media

whiteLogo

32.45 C

navLogo

ދިވެހިޤައުމު ޤައުމަކަށްވީ ސަބަބާމެދު މިއަދު ފުންކޮށް ވިސްނަންޖެހޭ: ވަޒީރު ހީނާ

ދިވެހިޤައުމު ޤައުމަކަށްވީ ސަބަބާމެދު މިއަދު ފުންކޮށް ވިސްނަންޖެހޭ: ވަޒީރު ހީނާ
ޕޮޓޯ: ސޯޝަލް މީޑިޔާ
Redhan News Room

ދިވެހި ޤައުމު ޤައުމަކަށްވީ ސަބަބާމެދު މިއަދު ފުންކޮށް ވިސްނަން ޖެހިފައިވާކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަދު ހއ. އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ހީނާ ވިދާޅުވީ، ޤައުމީ ދުވަހު އަޅުގަނޑުމެން ކުރާ ފުރަތަމަ ކަމަކަށް ވާންޖެހޭނީ ޤައުމީ މަސްއޫލިއްޔަތުތައް ހަނދާންކުރުން ކަމަށެވެ. ޤައުމީ ދުވަހަކީ ޤައުމުގެ ހުރިހާ ކަމެއް އޭގެ މާނައިގައި ހިމެނޭ ދުވަހެއްކަން ފާހަގަކުރައްވަމުން، ހަޤީޤީ މާނާގައި ޤައުމީ ދުވަހަކީ އިއްޔެއާ މިއަދާ ގުޅުވައި، މާދަމައަށް ވިސްނައި، މި ދެމެދު މުރާޖަޢާކޮށް މާދަމައަށް ތައްޔާރުވުމުގެ ދުވަހެއް ކަމަށް ވަޒީރު ސިފަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ޤައުމުގެ މިނިވަންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ކޮންމެ ފަރުދެއްގެވެސް ފަރުދީ ޒިންމާއެއްކަން ހަނދާންކުރަންޖެހޭ ކަމަށެވެ. ރާއްޖޭގެ އަދުގެ ހާލަތުގައި ޤައުމީ ދުވަހާ ގުޅިގެން ވިސްނަންޖެހޭނީ ޤައުމު ޤައުމަކަށްވީ ސަބަބުތަކާއި، ޤައުމަކަށްވާ ފުރިހަމަ ޝަރުތުތަކާމެދު ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މިއަދުގެ ހާލަތަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، މި ހުރިހާ ކަމެއް ގުޅުވައިގެން ބަލާއިރު މިއަދު ފެންނަނީ ހާލަތު ބަދަލުވުމުގެ ކޮޅުމަތީގައި އޮތްތަން ކަމަށެވެ. އަދި މިއަދު އެންމެ ބޮޑު މަސްއޫލިއްޔަތަކަށް ވެފައިވަނީ މި ބަދަލުތައް ހެޔޮ މިސްރާބަކަށް އަނބުރާލުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވަމުން ވަޒީރު ވިދާޅުވީ، ޤައުމީ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާއެކު ހާލަތު އިޢާދަވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ޤައުމިއްޔަތު ދިރުވުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތަކުގެ ދަށުން މިހާރުވެސް ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ "ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް" އެވެ.

Rate this article

Leave a Comment

Comments (0)