info@redhan.media

whiteLogo

32.45 C

navLogo

ހުޅުމާލެ ހޮސްޕިޓަލްގައި ގެސްޓްރޯ، ނިއުރޯ އަދި ޔޫރޮލަޖީގެ ހިދުމަތް ފަށައިފި

ހުޅުމާލެ ހޮސްޕިޓަލްގައި ގެސްޓްރޯ، ނިއުރޯ އަދި ޔޫރޮލަޖީގެ ހިދުމަތް ފަށައިފި
ފޮޓޯ: ހެލްތް މިނިސްޓްރީ
Redhan News Room

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން، އެ ހޮސްޕިޓަލުގައި ގެސްޓްރޯއެންޓްރޮލޮޖީ، ނިއުރޮލޮޖީ އަދި ޔޫރޮލަޖީގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޑރ. ގީލާ އަލީއެވެ. އެ ހިދުމަތްތައް ފެށުމުގެ ގޮތުން ވަޒީރު ވަނީ އެ ހޮސްޕިޓަލުގެ ނިއުރޯ ސައިންސް ޔުނިޓް ވެސް ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި މި ހިދުމަތްތައް ފެށުމުގެ މައިގަނޑު ބޭނުމަކީ އައިޖީއެމްއެޗްއަށް އޮންނަ ބާރު ކުޑަކުރުން ކަމަށެވެ. އެގޮތުން މިވަގުތުވެސް އައިޖީއެމްއެޗްގެ ވެއިޓްލިސްޓްގައި ގިނަ ބަޔަކު ތިބިކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ވެއިޓްލިސްޓް ކުޑަކޮށް، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ ދިއުން މަދުކުރުން ކަމަށެވެ.

"އުންމީދުކުރަނީ އެކަން މިއަށް ވުރެ ފަސޭހަކަމާއެކު ރާއްޖޭގައި ތިބެގެން ފޯރުކޮށްދިނުން. ރައީސް (ޑރ. މުޙައްމަދު މުޢިއްޒު) ގެ އަމާޒަކީ މިފަދަ ސްޕެޝަލިސްޓް ހިދުމަތްތައް ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ގާއިމްކޮށް ރައްޔިތުންނަށް ފަސޭހަތައް ފޯރުކޮށްދިނުން،" ވަޒީރު ވިދާޅުވިއެވެ.

މި ހިދުމަތްތައް ފެށުމާ ގުޅޭގޮތުން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް "ޕީއެސްއެމް" އަށް ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލުން މިހާރުވެސް ގިނަ ސްޕެޝަލިޓީ ހިދުމަތްތަކެއް ފޯރުކޮށްދެމުންދިޔަ ނަމަވެސް، މިއަދު ފެށި ހިދުމަތްތައް ހޯދުމަށް މީގެ ކުރިން ދާންޖެހެނީ އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލަށް ކަމަށެވެ.

ނަމަވެސް މިއަދުން ފެށިގެން ހުޅުމާލެ ހޮސްޕިޓަލުން ނިއުރޮލޮޖީގެ ކޮންސަލްޓޭޝަންގެ އިތުރުން އީއީޖީގެ ހިދުމަތްވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޔޫރޮލަޖީގެ ކޮންސަލްޓޭޝަންގެ އިތުރުން ޔޫރޯފްލޯމެޓްރީ ފަދަ ޓެސްޓްތައް ވެސް ހެދޭނެ ކަމަށް ވިދާޅުވިއެވެ.

"ގޭސްޓްރޯއެންޓޮލަޖީގެ ހިދުމަތުގެ ތެރެއިން ކޮންސަލްޓޭޝަންގެ ހިދުމަތް ފަށައިގެން މިދަނީ. މީގެ ނަތީޖާއަކީ ކޮންސަލްޓޭޝަންގެ ހިދުމަތް ހޯދާފައި އިންޓަރވެންޝަނެއް ހަދަންޖެހިއްޖެނަމަ އެކޮޅަށް ރިފާކުރެވޭނެ،" އަބްދުއްރައްޒާގް ހަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ހަލީމް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ގޭސްޓްރޯއެންޓްރޮލޮޖީގެ އެންޑޮސްކޯޕީ އަދި ކޮލޮނޮސްކޯޕީގެ ހިދުމަތްތައް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ ވެސް މުހިންމު އަމާޒެއް ކަމަށެވެ.

Rate this article

Leave a Comment

Comments (0)