-1788055060727.webp)
ހުޅުމާލެ ހޮސްޕިޓަލުގެ ދާއިމީ 15 ވަޒީފާއަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ހޮސްޕިޓަލުން ހުޅުވާލައިފިއެވެ.
ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގައިވާ ގޮތުން، މި ފުރުސަތު ހުޅުވާލާފައިވަނީ ރެޖިސްޓާޑް ނަރުހުންގެ މަގާމަށެވެ. އަދި މި މަގާމުތަކަށް އައްޔަންކުރެވޭނީ މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލްގައި ރަޖިސްޓްރީކޮށް، އަދާހަމަ ޕްރެކްޓިސިންގ ލައިސަންސް ލިބިފައިވާ ނަރުހުންނެވެ.
މި ވަޒީފާތަކުގެ މުސާރައާއި އިނާޔަތްތަކަށް ބަލާއިރު، ޕީ.އެސް 5 ރޭންކުގެ ރެޖިސްޓާޑް ނަރުހެއްގެ އަސާސީ މުސާރައަކީ މަހަކު 11،428 ރުފިޔާއެވެ. މީގެ އިތުރުން މަގާމުގެ އެލަވަންސްގެ ގޮތުގައި މަހަކު 5،333 ރުފިޔާ އަދި ހާޒިރީ އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 144 ރުފިޔާ ލިބޭނެއެވެ.
ޕީ.އެސް 7 ރޭންކުގެ ރެޖިސްޓާޑް ނަރުހެއްގެ އަސާސީ މުސާރައަކީ މަހަކު 13،057 ރުފިޔާއެވެ. މި ރޭންކުގެ ނަރުހުންނަށް މަގާމުގެ އެލަވަންސްގެ ގޮތުގައި މަހަކު 6،094 ރުފިޔާ އަދި ހާޒިރީ އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 165 ރުފިޔާ ލިބޭނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނެފައިވަނީ، މި ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެ ކަމަށެވެ.
މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި، ކުރިއަށް އޮތް އަންގާރަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގގެ 4 ވަނަ ފަންގިފިލާއަށް ހުށަހަޅަންޖެހެއެވެ. އަދި އީމެއިލް މެދުވެރިކޮށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން jobs@hmh.gov.mv އަށް ލިޔެކިޔުންތައް ފޮނުވުމަށް އެ ހޮސްޕިޓަލުން އެދެއެވެ.