-1784546719015.webp)
ހުޅުމާލެ ހޮސްޕިޓަލުން ފޯރުކޮށްދޭ ސިއްހީ ހިދުމަތްތައް ފުޅާކޮށް، މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން އެ ހޮސްޕިޓަލުގައި މުޅިން އާ ހިދުމަތްތަކެއް ފެށުމަށް ތައްޔާރުވަމުންދާކަން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ވައުދުވެވަޑައިގެންފައިވާ ފަދައިން، ހުޅުމާލެ ހޮސްޕިޓަލުގެ ފެންވަރު މަތިކޮށް ހިދުމަތްތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށެވެ.
އަލަށް ފެށުމަށް ހަމަޖެހިފައިވާ ހިދުމަތްތަކުގެ ތެރޭގައި ގޮހޮރާއި މައިބަދައިގެ ބަލިތަކަށް ހާއްސަ އޯޕީޑީގެ ހިދުމަތާއި، ޔޫރޮލޮޖީގެ ހިދުމަތުގެ އިތުރުން އީއީޖީގެ ހިދުމަތް ހިމެނެއެވެ. އަދި ނާރުގެ ބަލިތަކަށް ހާއްސަ ކްލިނިކަކާއި ގްލޮކޯމާ ފަރުވާގެ ހިދުމަތްވެސް މި މަހުގެ 26 ގެ ކުރިން ގާއިމުކުރެވޭނެ ކަމަށް އަބްދުއްރައްޒާގު ވިދާޅުވިއެވެ.
މި ބަދަލާއެކު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވަމުން ސީއީއޯ ވިދާޅުވީ، މީގެ ކުރިން ގޮހޮރާއި މައިބަދައިގެ ހާއްސަ ޑޮކްޓަރަކަށް ދައްކަން އައިޖީއެމްއެޗްއަށް ދާންޖެހުނު ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެ ހިދުމަތް ހުޅުމާލެއިން ލިބޭނެ ކަމަށެވެ.
މީގެ އިތުރުން، ލޭގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަދާ "ގޯލްޑް ސްޓޭންޑާޑް" ޓެސްޓުތައް ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ. "މީގެ ސަބަބުން އެޗްއައިވީ ފަދަ ބަލިތަކަށް ނަތީޖާ އައުމުގައި ވަރަށް ކުރު މުއްދަތެއް މި ހޭދަވަނީ. ކުރީގަނަމަ ވަރަށް ގިނަ ދުވަސް ނަގާކަމެއް މިއީ ނަތީޖާ ހޯދަން،" އަބްދުއްރައްޒާގު ވިދާޅުވިއެވެ.
ހުޅުމާލެ ހޮސްޕިޓަލުން މިހާރުވެސް ފޯރުކޮށްދެމުންދާ ކެންސަރު ބަލީގެ ފަރުވާގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާކަންވެސް އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ. މި ހިދުމަތްތަކަކީ ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާ ދަނޑިވަޅެއްގައި، ރައްޔިތުންނަށް ގާތުން އަވަސް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކެކެވެ.