info@redhan.media

whiteLogo

32.45 C

navLogo

އެންމެ ޓްރެފިކް ބާރުބޮޑުވާ ވަގުތު މަޖީދީ މަގު ބަންދުކޮށްގެން ރޭގަނޑު މުޒާހަރާ ކުރުމުގެ ހުއްދަ ނުދެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ

އެންމެ ޓްރެފިކް ބާރުބޮޑުވާ ވަގުތު މަޖީދީ މަގު ބަންދުކޮށްގެން ރޭގަނޑު މުޒާހަރާ ކުރުމުގެ ހުއްދަ ނުދެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ
ޕޮޓޯ: މަޖިލީސް
Redhan News Room

މާލޭގެ އެންމެ ކާރުބާރު ބޮޑު މަގު ކަމަށްވާ މަޖީދީމަގުގެ ޓްރެފިކަށް ބުރޫއަރާ ގޮތަށް، އެ މަގު ބަންދުކޮށްގެން ރޭގަނޑު މުޒާހަރާ ކުރުމުގެ ހުއްދަ ނުދެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، އިދިކޮޅު އެމްޑީޕީން އަންނަ ބުރާސްފަތި ދުވަހުގެ ރޭ "ދަތިވެއްޖެ" ނަމުގައި މާލޭގައި ބޭއްވުމަށް ރާވާފައިވާ މުޒާހަރާއަށް ހުއްދަ ނުލިބޭ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެމްޑީޕީން ރާވާފައިވަނީ ރަސްފަންނު ސަރަހައްދުން ފަށައިގެން މަޖީދީމަގުން ހިނގާފައި ގޮސް އާޓިފިޝަލް ބީޗާ ހަމައަށް މި މުޒާހަރާ ކުރިއަށް ގެންދިއުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ސަމީރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ސިޔާސީ ފަރާތްތަކުންނާއި އާންމު ފަރާތްތަކުން އެ ބޭފުޅުންނަށް ލިބިފައިވާ ސިޔާސީ ހައްގުތައް އަދާކުރުމުގެ ފުރުސަތު އެންމެ ފުޅާ ދާއިރާއެއްގައި ދިނުމަކީ މި ސަރުކާރުގެ ވިސްނުމެއް ކަމަށެވެ. ނަމަވެސް، މަޖީދީމަގު ފަދަ މައި މަގުތައް ބަންދުކޮށްގެން ހަރަކާތްތައް ހިންގާއިރު އެކަން ކުރަނީ ކޮން ވަގުތެއްގައިތޯ ބަލަންޖެހޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އެއީ ހުއްދަދެވޭ ކަހަލަ ވަގުތެއް ކަމަށް ވެއްޖެއްޔާ، މާނައަކީ އެ މަގު ބަންދުކޮށްލައިގެން މާލޭގެ އެހެން ތަންތަނުގެ ޓްރެފިކަށް ވަރަށް ބޮޑަށް އަސަރުނުކުރާ ކަމަށް ވެއްޖެއްޔާ މި ފުރުޞަތު އަޅުގަނޑުމެން ދީފައި ހުންނާނެ މީގެ ކުރިންވެސް،" މިނިސްޓަރު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް (ނަޝީދު) މީގެ ކުރިން ވިދާޅުވެފައިވަނީ، މި މުޒާހަރާގެ ބޭނުމަކީ ތަކެތީގެ އަގު އުފުލުމާއި، ޑޮލަރުގެ އަގު މައްޗަށް ދިއުމާއި، އާއިލާތަކަށް ކުރިމަތިވަމުންދާ އެކި ދަތިތަކާ ގުޅިގެން ރައްޔިތުންގެ އަޑު އުފުލުން ކަމަށެވެ.

ސަރުކާރުން މިފަހުން އެމްޑީޕީން ބޭއްވި ގިނަ ސިޔާސީ ހަރަކާތްތަކަށް ފުރުސަތު ދީފައިވާއިރު، އެ ޕާޓީގެ އިންތިޚާބުތަކާއި ޖަލްސާތައް ބޭއްވުމަށް ސަރުކާރުގެ ސްކޫލްތައްވެސް ވަނީ ދޫކޮށްފައެވެ. ނަމަވެސް، އާންމު ރައްޔިތުންނަށް ދަތިވާ ގޮތަށް މައި މަގުތައް ބަންދުކޮށްގެން ހިންގާ ހަރަކާތްތަކަށް ހުއްދަ ދިނުމުގައި ޓްރެފިކްގެ ހާލަތަށް ރިއާޔަތްކުރާނެ ކަމަށް ހޯމް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

Rate this article

Leave a Comment

Comments (0)