
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައިގައި، އިމިގްރޭޝަންގެ ކުރީގެ އޮފިސަރު އިބްރާހިމް އަހުމަދު 11 މަސް ދުވަހަށް ޖަލަށްލުމަށާއި، އަނިޔާ ލިބުނު ބިދޭސީ މީހާއަށް ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 130،000 ރުފިޔާ ދިނުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝައްމާން ވަހީދާއެކު ހައްޔަރުކުރި އިބްރާހިމް އަހުމަދުގެ މައްޗަށް އުފުލި ތިން ދައުވާއަކާ ގުޅިގެން އިއްވި ހުކުމެކެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއާއި، ފޭރުމުގެ ދައުވާގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާއެވެ.
މި މައްސަލައިގެ ޝަރީއަތް ކުރިއަށް ދަނިކޮށް އިބްރާހިމް އަހުމަދު ވަނީ ކުށަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައެވެ. ކްރިމިނަލް ކޯޓުން މި އެއްބަސްވުން ބަލައިގަނެ، އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންގޮސް އޭނާގެ މައްޗަށް ދައުވާތައް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ.
ކޯޓުގެ ހުކުމުގައިވާ ގޮތުން:
ރަސްމީހައިސިއްޔަތުނަހަމަގޮތުގައިބޭނުންކުރުމުގެދައުވާ: މި ދައުވާއަށް 1 އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއް އައި ނަމަވެސް، އެއްބަސްވުމުގެ ދަށުން ޖަލުގައި ހޭދަކުރަން ޖެހޭނީ 2 މަސް ދުވަހެވެ. ބާކީ ބައި ވަނީ 62,400 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ.
ފޭރުމުގެދައުވާ: މި ދައުވާއަށް 2 އަހަރާއި 24 ދުވަހުގެ ޖަލު ހުކުމެއް އައި ނަމަވެސް، ޖަލުގައި ހޭދަކުރަން ޖެހޭނީ 7 މަސް ދުވަހެވެ. ބާކީ ބައި 130,800 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައިވާއިރު، އަނިޔާ ލިބުނު ބިދޭސީ މީހާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 50,000 ރުފިޔާ ދޭން ވަނީ ހުކުމްކޮށްފައެވެ.
އެހެންމީހެއްގެމުދަލެއްގެމައްޗަށްހުއްދަނޫންގޮތުގައިބާރުހިންގުމުގެދައުވާ: މި ދައުވާއަށް 1 އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއް އައި ނަމަވެސް، ޖަލުގައި ހޭދަކުރަން ޖެހޭނީ 2 މަސް ދުވަހެވެ. ބާކީ ބައި 62,400 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށް، ބިދޭސީ މީހާއަށް ބަދަލުގެ ގޮތުގައި 3,500 ޑޮލަރު ދޭން ވަނީ އަމުރުކޮށްފައެވެ.
ޖުމްލަ ތިން ދައުވާއަށް ބަލާއިރު އިބްރާހިމް އަހުމަދު 11 މަސް ދުވަހު ޖަލުގައި ހޭދަކުރަން ޖެހޭނެއެވެ. މީގެ އިތުރުން ދައުލަތަށް ޖޫރިމަނާގެ ގޮތުގައި 255,600 ރުފިޔާ ދައްކަން ޖެހޭއިރު، އަނިޔާ ލިބުނު ބިދޭސީ މީހާއަށް ބަދަލުގެ ގޮތުގައި ދޭންޖެހޭ ފައިސާ (ރުފިޔާ އާއި ޑޮލަރު ހިމެނޭހެން) ޖުމްލަ 130,000 އެއްހާ ރުފިޔާއަށް އަރައެވެ.