info@redhan.media

whiteLogo

32.45 C

navLogo

ކުޅިވަރުގެ ރޮނގުން ދޭ ގައުމީ އިނާމު މަރުހޫމް ސާންތީގެ ހަނދާނަށް އަރުވައިފި

ކުޅިވަރުގެ ރޮނގުން ދޭ ގައުމީ އިނާމު މަރުހޫމް ސާންތީގެ ހަނދާނަށް އަރުވައިފި
ޕޮޓޯ: ރައީސް އޮފީސް
Redhan News Room

ކުޅިވަރުގެ ދާއިރާއިން މީހުން ތަމްރީނު ކުރުމުގެ ރޮނގުން، ހިތްވަރު ދިނުމުގެ ގައުމީ އިނާމު، ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު މަރުހޫމް އިހުސާން އަބްދުލްގަނީ (ސާންތީ) ގެ ހަނދާނަށް މިއަދު އަރުވައިފިއެވެ.

މި އިނާމު ހަވާލުކޮށްދެއްވީ، ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ސާންތީގެ ހަނދާނަށް އެރުވި މި އިނާމާ އާއިލާގެ ފަރާތުން ހަވާލުވީ އޭނާގެ ކޮއްކޮ އަހުސަން އަބްދުލްގަނީއެވެ.

ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ސާންތީ ނިޔާވީ، ކެންސަރު ބައްޔާ ދެ އަހަރެއްހާ ދުވަހު ކުރި ހިތްވަރުގަދަ ހަނގުރާމައަށްފަހު، މިދިޔަ އަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހުއެވެ.

ސާންތީއަކީ ދިވެހި ފުޓްބޯޅައަށް ލިބުނު އެންމެ ބޮޑު ދެ ކާމިޔާބީ ކަމަށްވާ، 2004 ވަނަ އަހަރު ސައުތު ކޮރެއާއާ ދެކޮޅަށް ކުޅެ ރާއްޖޭން އެއްވަރުކުރި ތާރީޚީ މެޗާއި، 2008 ވަނަ އަހަރު ރާއްޖޭން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، ގައުމީ ޓީމުގެ ސީނިއާ އެސިސްޓަންޓް ކޯޗެވެ. އޭނާގެ ކޯޗިން ކެރިއަރު ފެށުނީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންއަށް ތައްޔާރުވަމުންދިޔަ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައެވެ.

ކްލަބް ލެވެލްގައި ބަލާއިރު، ކްލަބް އީގަލްސްއަށް 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްދިނުމުގައި ސާންތީ ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. މިއީ އެ ކްލަބުގެ ތާރީޚުގައި ލިބުނު ފުރަތަމަ ޑިވިޝަންގެ ފުރަތަމަ ތައްޓެވެ. ސާންތީއަކީ އަބަދުވެސް ޒުވާން ކުޅުންތެރިން ބިނާކުރުމަށް ޚާއްސަ އިސްކަމެއް ދިން ކޯޗެކެވެ. އެގޮތުން އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި ހުރެ "ޓުވާޑްސް ފިއުޗާ" ޕްރޮގްރާމާއި، ޔޫތު ލީގު ފަދަ މުހިންމު މަޝްރޫއުތައް އޭނާ އިސްވެ ހުރެ ހިންގިއެވެ.

ފުޓްބޯޅައިގެ އިތުރުން ކުޅިވަރުގެ އެހެން ދާއިރާތަކުގައިވެސް ސާންތީ ވަނީ ޚިދުމަތްކޮށްފައެވެ. އެގޮތުން 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ޝެފް ޑި މިޝަނަރުކަން ކުރެއްވުމާއި، ސްޕޯޓްސް ކޯޕަރޭޝަނުގެ ޗެއާމަންކަން ކުރެއްވުން ހިމެނެއެވެ.

ސާންތީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ޒުވާން ހުނަރުވެރިން ހޯދައި، އެ ކުޅުންތެރިންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގައި ނަމޫނާ ދެއްކެވި، ކުޅިވަރުގެ ހަގީގީ ޚިދުމަތްތެރިއެކެވެ. މިއަދު އޭނާގެ ހަނދާނަށް އެރުވުނު ގައުމީ އިނާމަކީ، ދިވެހި ކުޅިވަރަށް އޭނާ ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ ފާހަގަކުރުމެކެވެ.

Rate this article

Leave a Comment

Comments (0)