
އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓުގައި އުފެއްދި މި އޮފީހުގެ އެންމެ އިސްވެރިޔާ ނުވަތަ ޑައިރެކްޓަރ ޖެނެރަލްގެ މަޤާމަށް އައްޔަނުކުރައްވާފައިވަނީ އެ ޕާޓީގެ ޤައުމީ މަޖިލީހުގެ މެންބަރު އަދި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.
އެ އޮފީހުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ލޯކަލް ކައުންސިލްތަކުން ހިންގާ އެކި މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ ލަފަޔާއި، މާލީ އެހީތެރިކަން ހޯދައިދިނުމުގައި އެހީތެރިވެދީ، ކައުންސިލްތައް ބާރުވެރިކުރުވުމެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން، ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމަށް އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ދާދިފަހުން ވަނީ "ބޮޑު ބަދަލު" ނަމުގައި އޮފީހެއް އުފައްދަވައި، އެ އޮފީހުގެ އިސްވެރިއަކަށް ހަސަން ލަތީފް އައްޔަނު ކުރައްވާފައެވެ.
ކައުންސިލްތަކަށް އެހީވުމަށް އަމީރުގެ އިސްވެރިކަމުގައި އުފެއްދި މި އޮފީހަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ޕާޓީން ފާހަގަކުރެއެވެ.