info@redhan.media

whiteLogo

32.45 C

navLogo

އިސްލާމްދީނާ ފުށުއަރާ އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެކަން ކަށަވަރުކުރައްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

އިސްލާމްދީނާ ފުށުއަރާ އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެކަން ކަށަވަރުކުރައްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
ޕޮޓޯ: ރައީސް އޮފީސް
Redhan News Room

ދިވެހިރާއްޖޭގައި އިސްލާމްދީނާ ފުށުއަރާނޭ ފަދަ އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނޭހެން ކަންކަން ކަށަވަރުކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށްޓަކައި ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އިސްލާމްދީނާ ބީރައްޓެހި ނުވަތަ ދީނާ ދުރު ސިޔާސަތުތައް ތަންފީޛުކުރާ ކޮންމެ ފަހަރަކު ދިވެހި ޤައުމުގެ މިނިވަންކަން އޮތީ ގެއްލިފައި ކަމަށެވެ. އަދި އެފަދަ ދަނޑިވަޅުތަކުގައި ރާއްޖޭގެ މިނިވަންކަން ނުރައްކަލުގެ ތުންފަތްމައްޗަށް ވެއްޓިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އިސްލާމްދީން ޙިމާޔަތްކުރެވޭނެ ނިޒާމެއް ޤައުމުގައި ފުރިހަމައަށް ޤާއިމުވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެގޮތުން، އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ ހަރުދަނާ ބަދަހި ނިޒާމެއް އުސޫލީ ގޮތުންނާއި ނިޒާމީ ގޮތުން ކަށަވަރު ކުރަން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިފަދަ ނިޒާމެއް ޤާއިމުކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރަށް ހުށަހަޅުއްވާނޭ ކަމަށްވެސް ރައީސް އިޢުލާނު ކުރެއްވިއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ރައީސް އިތުރަށް ވިދާޅުވީ، އިސްލާމްދީނަކީ ދިވެހި ޤައުމުގެ ނާރެސް ކަމަށާއި، ކީރިތި ޤުރުއާނަކީ ދިވެހި ޤައުމިއްޔަތުގެ މައިގަނޑު ކަމަށެވެ.

ރާއްޖޭގެ ތާރީޚުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، އެތައް އަހަރެއް ވަންދެން ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށުގައި އޮންނަން ޖެހުނީ، އޭރުގެ ދިވެހިންގެ ތެރެއިން އެންމެ މީހަކު މާތްވެގެންވާ އިސްލާމްދީން ދޫކޮށްލުމުގެ ސަބަބުން ކަމަށެވެ. ދީން ދޫކޮށްލި ހިސާބުން އެ ކުރެވުނު ޚިޔާނާތަކީ ހަމައެކަނި ދީނަށް ވީ ޚިޔާނާތެއް ނޫން ކަމަށާއި، އެއީ މުޅި ދިވެހި ޤައުމަށް ވީ ބޮޑު ޚިޔާނާތެއް ކަމުގައި ރައީސް ޑރ. މުޢިއްޒު ސިފަކުރެއްވިއެވެ.

Rate this article

Leave a Comment

Comments (0)