info@redhan.media

whiteLogo

32.45 C

navLogo

ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރަން އެމްޑަބްލިއުއެސްސީން ދިރާސާކުރަން ފަށައިފި

ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރަން އެމްޑަބްލިއުއެސްސީން ދިރާސާކުރަން ފަށައިފި
ޮޕޮޓޯ: އެމްޑަބްލިޔުއެސްސީ
Redhan News Room

މާލެ ސަރަޙައްދުގެ ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރުމުގެ ފުރުޞަތުތައް ދެނެގަތުމަށްޓަކައި، މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ޢަމަލީ ދިރާސާއެއް ފަށައިފިއެވެ.

"ސަބްސީ ޑީސެލިނޭޝަން" ގެ ނަމުގައި މި ޒަމާނީ ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރުފުކުރުމަށް ދިރާސާކުރަމުން ދަނީ، ޤައުމީ ފެންވަރުގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ޚިދުމަތްތައް ދިނުމުގެ ހިންގުން ހަރުދަނާކޮށް، ދެމެހެއްޓެނިވި ޢުމްރާނީ ތަރައްޤީއަށް ބާރުއެޅުމުގެ މަޤްޞަދުގައެވެ. މިކަމާ ގުޅޭގޮތުން އެމްޑަބްލިޔުއެސްސީން ބުނީ، މި މަޝްރޫޢަކީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ދުރުވިސްނުންފުޅާއި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.

Loading tweet...

މިހާރު ކުރިއަށްދާ ފީސިބިލިޓީ ދިރާސާގެ ތެރެއިން، ފްލޯޝަން ކުންފުނީގެ ފަންނީ ޓީމުން ވަނީ ކަނޑުގެ 500 މީޓަރު އަޑިން ފެނުގެ ސާމްޕަލް ނަގާފައެވެ. ފުރަތަމަ ބެލިބެލުމުން ވެސް މި ފެނަކީ އާދަޔާ ޚިލާފަށް ސާފު ފެނެއްކަން ފާހަގަކުރެވިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ. އަދި ލެބޯޓަރީ ތަޙުލީލުތަކުން މިކަން ކަށަވަރުވެއްޖެނަމަ، މިއީ ފެން އުފެއްދުމަށް ބޭނުންކުރެވޭނެ އެންމެ ފެންވަރު ރަނގަޅު ޤުދުރަތީ ފެނުގެ މަޞްދަރުތަކުގެ ތެރޭގައި ހިމެނޭނެ ފެނެއް ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

ފްލޯޝަންގެ މި ޓެކްނޮލޮޖީ ފަރުމާކުރެވިފައިވަނީ ކަނޑުގެ އަޑީގެ ޠަބީޢީ ޕްރެޝަރު ނުވަތަ ހައިޑްރޯސްޓެޓިކް ޕްރެޝަރު ބޭނުންކޮށްގެން ރިވާސް އޮސްމޯސިސް ނިޒާމު ހިންގޭ ގޮތަށެވެ. މީގެ ސަބަބުން ކަރަންޓު ޚަރަދު 40 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ މިންވަރަކަށް ކުޑަކުރެވިގެންދާނެއެވެ.

މީގެއިތުރުން، ފެން އުފެއްދުމުގެ މަރުޙަލާގައި ކެމިކަލް ބޭނުންކުރަންޖެހޭ މިންވަރު މަދުވެ، ތިމާވެއްޓަށް ލިބޭ ގެއްލުންތައް ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ވަނީ ފާހަގަކޮށްފައެވެ.

Rate this article

Leave a Comment

Comments (0)