
ދުނިޔެއަކީ ވަގުތީ މަންޒިލެކެވެ. މިދުނިޔޭގައިވާ ކޮންމެ އެއްޗަކީ ނެތި ފަނާވެދާނެ އެއްޗެކެވެ. ނަމަވެސް ދިރިހުރިހާ ހިނދަކު ދިރިއުޅުމަށްޓަކައި ކޮންމެ އިންސާނަކުވެސް ގަދައަޅާ މަސައްކަތް ކުރެއެވެ. ބަައްޔެއް ވެއްޖެނަމަ ފަރުވާކުރެއެވެ. ފުދުންތެރިކަން ހުންނަ މިންވަރަކުން ފަރުވާ ހޯދެން އޮންނަ ގޮތަކަށް ފަރުވާ ހޯދަނީވެސް ރަނގަޅު ސިއްޙަތެއްގައި ދިރިހުރުމަށްޓަކައެވެ. އުފާވެރި ޙަޔާތަކަށް ކުރާ އުއްމީދުގެ ބޮޑު ކަމުންނެވެ.
އެހެންނަމަވެސް އެހުރިހާ ކަމެއް ފުނޑުފުނޑުވެ މާޔޫސްކަމުގެ އަނދަވަޅަކަށް އިންސާނާ ވައްޓާލަނީ ނޭނގިހުއްޓާ އިވޭ ކުއްލި ޚަބަރަކުންނެވެ. އެއްބަނޑު ތިމާގެ މީހެއް، އަންބެއް، ފިރިއެއް، ދަރިއެއް ނުވަތަ އެނޫންވެސް ދަންނަ ގާތް ރަޙްމަތްތެރިއަކު އުމުރަށް ލޯމަރާލި ޚަބަރާއެކީއެވެ. ގޮތްހުސްވެ ގައިން ވަރުދޫވެ ކުރި ހުރިހާ އުއްމީދެއް ކަފުންވެދެއެވެ. އާދޭހެވެ އެއީ ފިޠުރަތުގެ އުސޫލެވެ.
ދަންނަވަންތޯއެވެ މިފަދަ މަރުތައް ތަޙްޤީޤްކޮށް ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކުއްލިމަރުތަކުގައި ދުނިޔެދޫކުރާ ފިރިހެނުންގެ ޢަދަދު އަންހެނުންނަށްވުރެ ތިންގުނަ އިތުރެވެ. ސަބަބުތައް ބައިވަރެވެ. ޤުދުރަތީ މަރަކުން އިންސާނާ މަރުވުމާއި، ދުނިޔޭގެ ދިރިއުޅުމުގައި ދިމާވާ ކަންކަމުގެ ސަބަބުން މަރުލާކުރިމަތިލާން ޖެހޭ ޖެހުން މުޅިން ތަފާތެވެ.
ތަޙްޤީޤީ އިދާރާތަކުން އާންމުކުރާ ގިނަ ރިޕޯޓްތަކުގައި އެފަދަ މީހުން ގިނައިން ދުނިޔެއާއި ވަކިވެފައިވަނީ ހިތުގެ ކޮންމެސް މައްސަލައެއް ދިމާވެގެން ނުވަތަ ސްޓްރޯކެއް ޖެހިގެންނެނެވެ. އާޚިރުގައި ތަޙްޤީޤް ނިމި ކަމުގެ އަސްލަށް ވާޞިލްވާއިރު އޭގެތެރެއިން ގިނަ މީހުން ވަކިވެދަނީ ދިރިއުޅުމުގެ އެތައް ކަމަކާއި ވިސްނާވިސްނާ ގޮސް ހަލާކުވާ ފަހުންނެވެ. ދިރާސާތައް ބުނާގޮތުން އޭގެތެރެއިން ގިނަ މީހުންނަކީ ދިރިއުޅުމުގައި ދިމާވާ ބޮޑު އެއްވެސް ކަމެއް އެހެން
މީހުންނާ ޙިއްސާ ނުކުރާ މީހުންނެވެ. ހުރިހާ ކަމެއް ހަށިގަނޑުގެ އެތެރެއަށް ފިއްތާލައިގެން ކެތްކޮށްގެން، ހުރިހާ ކަމަކާ ކުރިމަތިލައިގެން ހުއްޓައި އެންމެފަހުން ހިތަށް ކެތްނުވެގެން އޭގެ ހިނގުން ހުއްޓުވާލަނީއެވެ.
އެނގިލައްވާތޯއެވެ. މިފަދަ މަރުތަކާ ގުޅިގެން ހޯދަންޖެހޭ ހޯދުންތަކުން އެނގުނު ގޮތުގައި ސްޓްރެސްއަކީ ފިރިހެނުން ކުރިމަތިލާންޖެހޭނެ އެއްޗެއް ކަމަކަށް ބައެއް މީހުން ޤަބޫލެއް ނުކުރެއެވެ. މިފަދައިން ޤަބޫލުކުރާ ގިނަ މީހުންނަކީ އަންހެނުން ކަންވެސް މި ހޯދުންތަކުންވަނީ ކަށަވަރުވެފައެވެ. އެހެންނަމަވެސް ހުރިހާ އަންހެނުންނެއް ނޫނެވެ. މިހޯދުންތަކުން އެނގުނު ގޮތުގައި އެފަދަ އަންހެނުން އަނެކާއާ ދިމާލަށް ހިތުހުރިހާ އެއްޗެއްކިޔައި ހިތުހުރިގޮތަކަށް ޢަމަލުތައް ބަހައްޓާއިރު އަނެކާގެ އިޙްސާްތަކަށް ވިސްނާކަށްވެސް ބޭނުމެއް ނުވެއެވެ. ނަމަވެސް އޭނާއަށް އެކަން އެގޮތައް ކުރެވެނީ، އެއީ އެ އަންހެންމީހާ ސްޓްރެސް ވެގެން ކަމަށް އޭނާ އަމިއްލައަށް ޤަބޫލު ކުރެއެވެ. ނަމަވެސް އަނެކާވެސް އެ އިޙްސާސްތައް ހަމަ އެގޮތައް ކުރާނެކަން ހިތައް ކުޑަކޮށްވެސް ނޭރުމުގެ ނަތީޖާ އަކަށްވަނީ އެއްކަލަ އަންގައިން ނުބުނެ، ބަސްމަދު، ޢަމަލުން އެކަން ނުދައްކާމީހާ ވިސްނާ ވިސްނާގޮސް ހިތާ ސިކުނޑި ފުނޑު ފުނޑުވެ ކުއްލިއަކަށް އަބަދުގެ އަބަދަށް އެންމެނާ ވަކިވެދަނީއެވެ. ޅަޢުމުރުގައެވެ.
ޢަމަލާއި ބަސްމަދުވުމަކީ އަނެކާ އެއްވެސް ކަމަކާ ނުވިސްނަނީއޭ ހިތައް ނާރުވާށެވެ. އެއްޗިހިކިޔާ ނުވަތަ މިޒަމާނުގައިނަމަ މެެސެޖް ކޮށްގެންވެސް އަނެކާ އެކަމާ އެހާބޮޑަށް އަޅާނުލާ އެ ހުންނަނީ ހިތް ގަދަވީމައޭ ނުވިސްނާށެވެ. އެއީ ޚުދު އޭނާވެސް ބޭނުންވާނޭ ގޮތެއް ނޫނެވެ. ނަމަވެސް ކޮންމެސް ކަމަކާހުރެ އޭނާގެ ޟަމީރު އެގޮތަށް ޢަމަލުކުރަން މަޖުބޫރު ކުރުވަނީއެވެ. ހިތްހަމަޖެހުމާއި އަރާމާއި އުފާ ބޭނުން ނުވާނީ ކާކު ހެއްޔެވެ. ތިމާ ބޭނުންވާ ގޮތަށް ކަންކަން ނުވުމަކީ އަނެކާ ކުޑަކޮށްލަންޖެހޭ ސަބަބަކަށް ނުހައްދަވާށެވެ. ދުނިޔޭގެ މިޙަޔާތް ބާއްޖަވެރި ޙަޔާތަކަށް ހަދަން މަސައްކަތް ކުރާއިރު ހިތްނުރުހޭ އެތައް އެތައް ކަމެއް ކުރިމަތިވެއެވެ. މާތްވެގެންވާ އިސްލާމްދީނުގައިވެސް އަހަރެމެންނަށް އަންގަިދީފައި އޮންނަނީ ކެތްތެރި ވާށެވެ. އަދި އެފަދަ ކޮންމެ ޙާލަތަކީ އިމްތިޙާނެއް ކަމަށެވެ. ނަފްސް ކޮންޓްރޯލް ކުރުމަށެވެ.
އިޙްސާސްތަކާއި ވޭނާއި ހިތާމަ ތަކަކީ އިންސާނެއްވިއްޔާ ތަޙައްމަލް ކުރާނެ ކަންކަމެކެވެ. އެއީ ހަމައެކަނި ތިމާއަށް ކުރިމަތިވާ ކަމެއްގެ ގޮތުގައި ދެކޭ ދެކުން ދޫކޮށްލާށެވެ. ފާޅުގައި އަނެކާއަށް ހާމަ ނުކޮށްދިނަސް ހަށިގަނޑުގެ އެތެރޭގައި އެ އިޙްސާސްތަކާއި ވޭންތައް އެބައިމީހުން ތަޙައްމަލް ކުރެއެވެ. އެހެން ނޫންނަމަ ސުރުޚީގައި ބުނެފައި އެވާ މަރުތައް އިންތިހާއަށް ގިނަވާނެއެވެ. އަދިވެސް ވިސްނާލާށެވެ.