-1786032051109.webp)
ނިމިދިޔަ 2025 ވަނަ އަހަރު ދިވެހިރާއްޖޭގައި 5،000 އަށްވުރެ ގިނަ ކުދިން އުފަންވެފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ ފިރިހެން ކުދިން ކަމަށް މިނިސްޓްރީ އޮފް ހެލްތާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ "ކުއާޓާލީ ވައިޓަލް ސްޓެޓިސްޓިކްސް" ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު ރާއްޖޭގައި ޖުމްލަ 5،625 ކުދިން އުފަންވެފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 2,835 ފިރިހެން ކުދިންނާއި 2,789 އަންހެން ކުދިންނެވެ.
އަހަރުގެ އެކި ކުއާޓަރުތަކަށް ބަލާއިރު، ފުރަތަމަ ކުއާޓަރުގައި 1,427 ކުދިން (730 ފިރިހެން، 697 އަންހެން) އުފަންވެފައިވެއެވެ. ދެވަނަ ކުއާޓަރުގައި 1,380 ކުދިން (677 ފިރިހެން، 702 އަންހެން) އުފަންވިއިރު، ތިންވަނަ ކުއާޓަރުގައި އުފަންވީ 1,374 ކުދިން (692 ފިރިހެން، 682 އަންހެން) އެވެ. އަދި އަހަރުގެ ފަހު ކުއާޓަރުގައި 1,444 ކުދިން އުފަންވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 736 ފިރިހެން ކުދިންނާއި 708 އަންހެން ކުދިންނެވެ.
މި ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ ތެރޭގައި އެންމެ ގިނަ ކުދިން އުފަންވެފައިވަނީ ޑިސެމްބަރު މަހުގައެވެ. އެ މަހު 545 ކުދިން އުފަންވިއިރު، އެންމެ މަދުން ކުދިން އުފަންވެފައިވަނީ ސެޕްޓެމްބަރު މަހުގައެވެ. އެއީ 421 ކުދިންނެވެ.
މި ރިޕޯޓުގައި ރާއްޖޭގައި މަރުވާ މީހުންގެ ތަފާސްހިސާބުތައް ވެސް ވަނީ ހިމަނާފައެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖޭގައި ޖުމްލަ 1,399 މީހުން ނިޔާވެފައިވެއެވެ. ނިޔާވި މީހުންގެ ތެރޭގައި އެންމެ ގިނައީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. އެ އުމުރުފުރައިގެ 858 މީހުން ނިޔާވެފައިވެއެވެ.
މީގެ އިތުރުން، އުމުރުން 18 އަހަރާއި 64 އަހަރާއި ދެމެދުގެ 451 މީހުން ނިޔާވެފައިވާއިރު، 5 އަހަރާއި 17 އަހަރާއި ދެމެދުގެ 14 ކުދިން ވަނީ ނިޔާވެފައެވެ. އަދި އުމުރުން 4 އަހަރުން ދަށުގެ 75 ކުދިން މިދިޔަ އަހަރު ނިޔާވެފައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މި ތަފާސްހިސާބުތަކަކީ ރާއްޖޭގެ އާބާދީގެ ދުވެއްޔާއި، ސިއްހީ ހާލަތު ދެނެގަތުމަށް ސަރުކާރުން އެކުލަވާލާފައިވާ މުހިންމު މައުލޫމާތުތަކެކެވެ.