
ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެ، ބޭރު ފައިސާގެ ގޮތުގައި ލިބުނު އާމްދަނީ 222.8 މިލިޔަން އެމެރިކާ ޑޮލަރަށް އަރާފައިވާކަން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. އެ ވުޒާރާއިން އެންމެ ފަހުން އާންމުކުރި މާލީ ރިޕޯޓުން ދައްކާގޮތުގައި، ރާއްޖޭގެ އިގްތިސާދީ ދުވެލި ހަލުވިވެ، ދައުލަތަށް ވަންނަ އާމްދަނީއަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ.
މި ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ފެބުރުވަރީ 26ގެ ނިޔަލަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 7.8 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މި މުއްދަތުގެ ތެރޭގައި ދައުލަތުން ކުރި ޖުމްލަ ޚަރަދަކީ 5.9 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން، ފެބުރުވަރީ މަހުގެ ފަހުކޮޅާ ހަމައަށް ދައުލަތުގެ ބަޖެޓުން 1.9 ބިލިޔަން ރުފިޔާގެ ސާޕްލަސްއެއް ވަނީ ރެކޯޑުކުރެވިފައެވެ.
މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އާމްދަނީއަށް ވަނީ 29.3 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ލިބިފައެވެ. މިދިޔަ އަހަރު ލިބިފައިވަނީ 6.0 ބިލިޔަން ރުފިޔާއެވެ. ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 83 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބުނު ފައިސާއެވެ. ޓެކުހުގެ ގޮތުގައި ޖުމްލަ 6.5 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 30.6 އިންސައްތައިގެ އިތުރުވުމެކެވެ.
އާމްދަނީ އިތުރުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީ.ޖީ.އެސް.ޓީ އެވެ. ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 2.3 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ 39.4 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން ޖުމްލަ ޖީ.އެސް.ޓީގެ ގޮތުގައި 3.2 ބިލިޔަން ރުފިޔާ އަދި ވިޔަފާރިއާއި މުދަލުން ނަގާ ޓެކުހުގެ ގޮތުގައި 2.2 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
ޚަރަދުތަކުގެ ބަޔަށް ބަލާއިރު، ދައުލަތުގެ ޖުމްލަ ޚަރަދުތައް ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. ނަމަވެސް، ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ޚަރަދު ވަނީ 9.6 އިންސައްތަ އިތުރުވެފައެވެ. އެގޮތުން މުސާރައާއި ޕެންޝަނަށް ޖުމްލަ 2.64 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
މީގެ އިތުރުން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް (އެސް.ޑީ.އެފް) ޖަމާކުރި އަދަދުވެސް ވަނީ 2.5 އިންސައްތަ އިތުރުވެ، 287.1 މިލިޔަން ރުފިޔާއަށް އަރާފައެވެ. މާލީ ވުޒާރާގެ މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދައުލަތުގެ މާލީ މެނޭޖްމަންޓް ވަރުގަދަވެ، ބޭރު ފައިސާގެ ރިޒާވަށް ވަންނަ އާމްދަނީ ދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ.