info@redhan.media

whiteLogo

32.45 C

navLogo

ލޭ ލިބުން ދަތިވެ، ލޭ ހަދިޔާކުރުމަށް އެމްބީއެސް އިން އާއްމުންގެ އެހީއަށް އެދިއްޖެ

ލޭ ލިބުން ދަތިވެ، ލޭ ހަދިޔާކުރުމަށް އެމްބީއެސް އިން އާއްމުންގެ އެހީއަށް އެދިއްޖެ
ޕޮޓޯ: ސޯސަލް މީޑީޔާ
މަރިޔަމް

މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އަށް ލޭ ލިބުމުގައި ދަތިތަކަކާ ކުރިމަތިވެފައިވާތީ، ވީހާވެސް ގިނަ ފަރާތްތަކުން ލޭ ހަދިޔާކުރުމަށް އެ އިދާރާއިން މިއަދު އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

އެމްބީއެސް އިން މިއަދު ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، އެ އިދާރާގެ ބްލަޑް ބޭންކުގައި ލޭ ހުރި މިންވަރު ދަށްވެފައިވާތީ، މިވަގުތު ލޭ ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. ޚާއްޞަކޮށް އޭ+ (A+)، އޯ+ (O+)، ބީ+ (B+)، އޭބީ+ (AB+)، ބީ- (B-) އަދި އޯ- (O-) ގެ ލޭ ބޭނުންވާކަމަށް އެ އިދާރާއިން ފާހަގަކުރައްވާފައިވެއެވެ.

ލޭ ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ. ލޭ ދިނުމަށް އެދޭ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި:

  • ހަށިގަނޑުގެ ބަރުދަނުގައި މަދުވެގެން 45 ކިލޯ ހުރުން.

  • ލޭ ދޭން އައުމުގެ ކުރިން މަދުވެގެން 6 ގަޑިއިރުގެ ނިދި ހަމަކޮށްފައިވުން.

  • ލޭ ދިނުމުގެ އެއް ގަޑިއިރު ކުރިން ރަނގަޅަށް ކައިގެން ހުރުން.

މޯލްޑިވިއަން ބްލަޑް ސާވިސް މިހާރު ހުންނަނީ ހުޅުމާލެ ފޭސް އެކެއްގެ އޮރެންޖް ހިޔާގައެވެ. ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެމްބީއެސްގެ ބްލަޑް ބޭންކުން ޚިދުމަތް ދެމުންދާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު 8:00 އިން ރޭގަނޑު 8:00 އާ ހަމައަށް ލޭ ހަދިޔާކުރުމުގެ އިންތިޒާމް އެމްބީއެސްގައި ވަނީ ހަމަޖައްސާފައެވެ.

ލޭގެ ރަސްމީ ބޭންކުގައި ލޭ މަދުވުމަކީ ތެލެސީމިއާ ކުދިންނަށާއި، ކުއްލި ހާލަތްތަކުގައި ލޭ ބޭނުންވާ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަކަށްވާތީ، ވީހާވެސް ގިނަ އާއްމުން ލޭ ހަދިޔާކުރުމަށް އެމްބީއެސް އިން އިލްތިމާސް ކުރައްވައެވެ.

Rate this article

Leave a Comment

Comments (0)