
މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ގެ ބްލަޑް ބޭންކުން ލޭ ހުސްވާން ގާތްވެފައިވާތީ، އެކަމަށް އެހީތެރިވުމުގެ ގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުން އިސްނަގައިގެން ލޭ ހަދިޔާކުރުމުގެ ޚާއްޞަ ކޭމްޕެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
އެޗްޑީސީން މިއަދު ވިދާޅުވީ، އެމްބީއެސްއާ ގުޅިގެން ކުރިއަށްގެންދާ މި ބްލަޑް ޑޮނޭޝަން ކޭމްޕް އޮންނާނީ މާދަމާ ކަމަށެވެ. މިއީ ރާއްޖޭގެ ބްލަޑް ބޭންކުން ވަރަށް ބޮޑަށް ލޭ މަދުވެ، ވީހާވެސް އަވަހަކަށް ލޭ ހަދިޔާކުރުމަށް އެމްބީއެސް އިން ކޮށްފައިވާ އިއުލާނާ ގުޅިގެން، އެ ކޯޕަރޭޝަނުން އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.
ލޭ ލިބުން ދަތިވެ، އާންމުންގެ އެހީތެރިކަމަށް އެމްބީއެސް އިން އެދުނީ މީގެ ދެ ދުވަސް ކުރިންނެވެ. އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މިވަގުތު އެންމެ ބޮޑަށް ބޭނުންވަނީ އޭ+، އޯ+، ބީ+، އޭބީ+، ބީ- އަދި އޯ- ގްރޫޕްގެ ލެއެވެ.
އެޗްޑީސީން ވިދާޅުވި ގޮތުގައި މި ކޭމްޕުގެ މައިގަނޑު މަގްސަދަކީ ބްލަޑް ބޭންކަށް ލޭ ބޭނުންވެފައިވާ މި ދަނޑިވަޅުގައި، އެކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އެޗްޑީސީގެ މުވައްޒަފުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ލޭ ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ. އަދި ލޭ ހަދިޔާކުރާ މީހުންގެ ބަރުދަނުގައި މަދުވެގެން 45 ކިލޯ ހުންނަންޖެހޭނެއެވެ. މީގެ އިތުރުން، ލޭ ދޭން އައުމުގެ ކުރިން މަދުވެގެން ހަ ގަޑިއިރުގެ ނިދި ހަމަކުރުމަށާއި، ލޭ ދިނުމުގެ އެއް ގަޑިއިރު ކުރިން ރަނގަޅަށް ކައިގެން ހުރުމަށް އެމްބީއެސް އިން އިރުޝާދު ދެއްވައެވެ.