
އިސްލާމިކް ރިޕަބްލިކް އޮފް އީރާނަށް ހަމަލާދީ އެ ގައުމުގެ އެންމެ އިސް ލީޑަރު ޝަހީދުކޮށްލުމަށް އިޒްރޭލާއި އެމެރިކާއިން ހިންގި އަމަލުތަކަކީ ފިނޑިކަމުގެ ކޮޅެއްވެސް ނެތްހާ ފިނޑި އަމަލުތަކެއް ކަމަށް ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނު އުފައްދަވާފައިވާ "މައުމޫން ފައުންޑޭޝަން" ގެ ފަރާތުން މިރޭ ބޭއްވި އިހްޔާ ސިލްސިލާގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. "މުއުމިނުންނަކީ އަޚުންތަކެއް" މި މައުލޫއަށް އެމަނިކުފާނު ދެއްވި ތަޤުރީރުގައި ވިދާޅުވީ، އެމެރިކާއާ އިޒްރޭލް ގުޅިގެން އީރާންގެ އެންމެ އިސް ލީޑަރު ޝަހީދުކޮށްލެއްވީ އެމަނިކުފާނުގެ އޮފީސްކޮޅުގައި މަސައްކަތްޕުޅުގައި އިންނަވަނިކޮށް ކަމަށެވެ. މިއީ ވަރަށް ނާތަހުޒީބު އަދި އެހާމެ ފިނޑި އަމަލެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.
"މިހާރު މިހިނގަމުންދާ ކަންތައްތަކަކީ [އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާ ދިނުމަކީ] ފިނޑި އަމަލުތަކެއް. ފިނޑިކަމުގެ ކޮޅެއްވެސް ނެތް އަމަލުތަކެއް. ބޮޑެތި ގައުމުތަކުގެ ވެރީން ރައްކާތެރި ތަންތާންގައި ނިދާފައި ތިބެގެން މި ފޮނުވަނީ އެކިކަހަލަ ރޮކެޓްތަކާއި އަދިވެސް އެނޫންވެސް ނުރައްކާތެރި ހަތިޔާރުތައް ފޮނުވައިގެން އެހެން މީހުން ނިދާފައި ތިއްބާ ނުވަތަ މަސައްކަތުގައި ތިއްބާ މި މަރަނީ. މިއީ ވަރަށް ނުރައްކާތެރި އެއްވެސް އުސޫލެއް ނެތް ފިނޑި އަމަލުތަކެއް،" ރައީސް މައުމޫން ވިދާޅުވި އެވެ.
ހަނގުރާމައަކީ ސުލްހައާ ހަމަޖެހުން ނަގާލާ އެއްޗެއްކަން ފާހަގަކުރައްވަމުން ރައީސް މައުމޫން ވިދާޅުވީ، ހަގީގަތުގައި ހަނގުރާމައަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ކޮންމެހެން ހަނގުރާމައެއް ކުރަން ޖެހިއްޖެ ހާލަތެއްގައި ވެސް އެކަން ކުރަން ޖެހޭނީ އުސޫލެއްގެ ތެރެއިން ހަމަތަކެއްގެ މަތީގައި ކަމަށާއި، އެކަމުގެ އެންމެ ރީތި ނަމޫނާ އުންމަތުގެ ރަސޫލާ صلى الله عليه وسلم ދައްކަވައިދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ. އެހެންނަމަވެސް އެމެރިކާއާ އިޒްރޭލުން މިއަދު ކުރަމުންދަނީ އެފަދަ އެއްވެސް އުސޫލެއް ނެތް ކަންތައްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ހަނގުރާމައަކީ ވެސް އަސްލު ކުރަން ނުޖެހޭ އެއްޗެއް. އެކަމަކު ކުރަން ޖެހޭ ހާލަތެއްގައި ވެސް ވަކި އުސޫލަކުން ކުރަން ޖެހޭ އެއްޗެއް. އެއްގޮތަކަށްވެސް ހަމަ ބޭނުންވިހާ ގޮތަކަށް މީހުންތައް މަރާ ތަންތަން ސުންނާފަތިކޮށް މިހެން ހަދައިގެން ނުވާނެ،" މައުމޫން ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް މައުމޫން ވިދާޅުވީ "މުއުމިނުން ވާކަން ކަށަވަރީ އަޚުންތަކެއް ކަމުގައި" މާތްالله އަންގާފައިވާ ކަމަށެވެ. އެހެންކަމުން މުސްލިމަަކަށް ނުވަތަ މުސްލިމު ގައުމަކަށް ދަތިކަމެއް ދިމާވެއްޖެނަމަ އެހެން ހުރިހާ މުސްލިމުން އެބަޔަކަށް އެހީތެރިވާން ޖެހޭނެ ކަމަށާއި، މުސްލިމުންނަކީ އަދުއްވުންގެ ހަމަލާތަކަށް ކުޅަދާނަވީ ވަރަކުން ތައްޔާރަށް ތިބެން ޖެހޭ ބަޔަކަށް ވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އަދި ހުރިހާ ކަމެއްގައި ވެސް ދީނުގައި އަންގާފައިވާ ރީތި އުސޫލުތައް އިސްކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.