info@redhan.media

whiteLogo

32.45 C

navLogo

އެމްޑީޕީގެ "ބޮޑު ބަދަލު" އޮފީސް ގާއިމުކޮށް، ޑައިރެކްޓާ ޖެނެރަލްގެ މަގާމަށް ހަސަން ލަތީފް އައްޔަނުކޮށްފި

އެމްޑީޕީގެ "ބޮޑު ބަދަލު" އޮފީސް ގާއިމުކޮށް، ޑައިރެކްޓާ ޖެނެރަލްގެ މަގާމަށް ހަސަން ލަތީފް އައްޔަނުކޮށްފި
ޕޮޓޯ؛ ސޯސަލް މީޑިޔާ
Redhan News Room

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ ސެކްރެޓޭރިއަޓުގައި "ބޮޑު ބަދަލު" އޮފީސް ގާއިމުކޮށް، އެ އޮފީހުގެ ޑައިރެކްޓާ ޖެނެރަލްގެ މަގާމަށް ހަސަން ލަތީފް މިއަދު އައްޔަނުކޮށްފި އެވެ. 

Loading tweet...

"ބޮޑު ބަދަލު" އަކީ ދިވެހިރާއްޖޭގެ ވެރިކަން ކުރާ ނިޒާމަށް އިސްލާހީ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވުމުގެ ކުރިން އެމަނިކުފާނާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހުށަހެޅުއްވި ނިޒާމީ އިސްލާހުތަކެކެވެ. ރައީސް ނަޝީދު ޗެއާޕާސަން ކަމަށް ވާދަކުރެއްވި ކެމްޕޭނުގައި ޕާޓީގެ މެންބަރުންގެ ތާއިދު ހޯއްދެވުމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ މި ބަދަލުތައް ގެނައުމަށެވެ. އެ އިންތިހާބު ނަޝީދު ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ 69 އިންސައްތަ ތާއިދާ އެކުގައެވެ.

މި އޮފީސް ގާއިމުކުރުމަށް ނިންމީ ނަޝީދު ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ބޭއްވި ފުރަތަމަ ގައުމީ މަޖިލީހުގެ ޖަލްސާގައެވެ. މި ހުށަހެޅުން ފާސްވެގެން ދިޔައީ އެ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ނަޝީދާއި ފައްޔާޒްގެ ފަރާތުން ހުށަހެޅި މި އިސްލާހުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ބަދަލަކީ، ސަރުކާރުގެ ވެރިޔާ އާއި ދައުލަތުގެ ވެރިޔާ ވަކިވަކިން އިންތިހާބު ކުރާ ގޮތަށް ނިޒާމު ބަދަލުކުރުމެވެ. މި ބަދަލަކީ އާދައިގެ ރިޔާސީ ނުވަތަ ބަރުލަމާނީ ނިޒާމެއް ނޫން ކަމަށާއި، މިއީ ރާއްޖޭގެ ހާލަތާ ގުޅޭގޮތަށް ފަރުމާކޮށްފައިވާ މުޅިން އާ ނިޒާމެއް ކަމަށް އެބޭފުޅުން ވިދާޅުވެއެވެ.

މިއަދު އައްޔަނުކުރެވުނު ޑައިރެކްޓާ ޖެނެރަލް ހަސަން ލަތީފްގެ ބެއްލެވުމުގެ ދަށުން، މި "ބޮޑު ބަދަލު" އޮފީހުން ކުރާނެ އެންމެ މުހިންމު މަސައްކަތަކީ މި އިސްލާހުތައް ތަންފީޒު ކުރުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި ސިޔާސީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ވިލަރެސްކުރުމެވެ.

Rate this article

Leave a Comment

Comments (0)